About Us
in English
ދިވެހި ރާއްޖޭގެ ސިޔާސީ ޙަޔާތުގައި، 2008 ވަނަ އަހަރު ވެގެން ދާނީ ވަރަށް ތާރީޚީ އަހަރަކަށެވެ. އެއަހަރަކީ، ވަރަށް ބޮޑެތި ސިޔާސީ އިޞްލާޙީ ބަދަލުތަކެއް ރާއްޖޭގައި ފެނިގެންދާނެ އަހަރެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ، ޙަޤީޤީ މާނާގައި މަލްޓިޕާރޓީ ރިއާސީ އިންތިޚާބެއް ބޭއްވުމެވެ. ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ދިވެހި ރާއްޖޭގެ ސިޔާސީ ނައުގެ ހުންގާނުގައި ހިއްޕަވާނޭ ބޭފުޅަކު ކަނޑައަޅާނެއެވެ. އެއްވެސް ޝައްކެނެތެވެ. މިއީ ވަރަށް ތާރީޚީ ހެޔޮ ބަދަލެކެވެ.
ގައުމުގެ ކުރިއެރުމާއި ގައުމު ނިކަމެތިވުން ގުޅިފައި އޮންނަނީ އެ ގައުމެއްގެ ސިޔާސީ ދުޅަހެޔޮކަމުގެ މައްޗަށެވެ. ރަނގަޅު މަގަކުން ގައުމު ގެންދިއުމަކީ، އެ ގައުމެއްގެ އަހުލުވެރިންގެ ޒިއްމާއެކެވެ. އެ ބައެއްގެ މަސްއޫލިއްޔަތު އަދާނުކޮށްފިނަމަ، ގައުމު ދާނީ ދާނެ ދިމާލަކަށެވެ. މިކަމުގެ ރިވެތި މިސާލަކަށް ދިވެހި ރާއްޖެފުދެއެވެ. ދިވެހިރާއްޖޭގެ ހަފަރާތުން ފެންނަނީ ތަފާތު ގިނަގުނަ މައްސަލަތަކެވެ. އިޖްތިމާޢީ ޢަދާލަތު ގެއްލިފައިވާތަނެވެ. ޢަދުލު އިންޞާފު މުޅިން ވަނީ ގެއްލިގެންގޮސްފައެވެ. ޑްރަގްގެ ޝިކާރައަކަށް ޒުވާންޖީލު ވަނީ ވެފައެވެ. މާރާމާރީއާއި، ފޭރުމާއި، ވައްކަންކުރުމަކީ، އާދައެކެވެ. އެއްބަޔަކު ސަރުކާރުގެ މައި ތިޖޫރީ ބޭނުންކޮށް މުއްސަނދި މަހުޖަނުންނަށް ވަމުންދާއިރު، ގައުމުގެ ފަޤީރުން ދަނީ ގިނަވަމުންނެވެ. ފޮތް ލިސްޓް ނުގަނެވިގެން ސަލާންޖަހަނީއެވެ. ބޭސްފަރުވާ ނުހޯދިގެން ސަލާން ޖަހަނީއެވެ. މަތީ ތަޢްލީމު ނުހޯދިގެން ސަލާން ޖަހަނީއެވެ. އެހެންނަމަވެސް، ފަޚްރުވެރިވެފައި އަޅުގަނޑުމެން މިބުނަނީ ދިވެހި ރާއްޖޭގެ ޖީޑީޕީއަކީ، ސައުތު އޭސިއާގެ އެންމެ ބޮޑު ޢަދަދުކަމަށެވެ. ނަމަވެސް، ޙަޤީޤީ ޢާއްމު ދިރިއުޅުމުގައި މިކަން ނުފެނިގެން އުޅެނީ ކީއްވެގެންބާވައެވެ! މި ސުއާލުގެ ޖަވާބު ދިވެހި ރާއްޖޭގެ ސިޔާސީ ސްޓޭޖުތަކުން މިހާރު ކެނޑި ނޭޅި އިވެމުންދެއެވެ. އަދި ހަފުތާ މަޖައްލާތަކުން މި ޖަވާބު އެބަފެނެއެވެ.
ކޮންމެއަކަސް، ޔަޤީންވަނީ ދިވެހިންގެ ކުރިމަގު ބައްޓަން ކުރަންޖެހިފައިވާކަމެވެ. ދުޅަހެޔޮ މުސްތަޤްބަލަކަށް އެދިތިބެގެންނެވެ. މިގޮތުން، ދިވެހި ތާރީޚްގައި، އެންމެ ފުރަތަމަ ފަހަރަށް ދިވެހިންނަށް ޑިމޮކްރެޓިކް ނިޒާމެއް ގެނެސްދޭ ޤާނޫނު އަސާސީއެއް އެކުލަވާލެވި، އޭގެ ދަށުން މަލްޓި ޕާރޓީ އިލެކްޝަނެއް ބާއްވާ ފަހަރަކީ މިއެވެ. އާދެ، މި ހިނގާ 2008 ވަނަ އަހަރެވެ. ވީމާ، މި ތާރީޚީ ޙާދިސާގެ ތެރެއަށް އަޅުގަނޑުމެން ދާއިރު، އެންމެންގެ ބައިވެރިވުން ބޭނުމެވެ. އެންމެންގެ ޚިޔާލު ބޭނުމެވެ. ވީމާ، އެންމެންގެ ޚިޔާލު އެއް ޞަފުޙާއަކުން ބަލާލުމަށް އަޅުނޑުމެން މި ވެބްސައިޓް ފަރުމާކޮށް ދިވެހިންނަށް ހުށަހަޅާލަނީ ވަރަށް އުފަލާއި އެކުއެވެ. މި ވެބްސައިޓަކީ، ވަކިފަރާތަކަށް ނުޖެހޭ ވެބްސައިޓެކެވެ. މި ވެބްސައިޓަކީ، އެންމެންގެ ވެބަސައިޓެކެވެ. ހުރިހާ ކެންޑިޑޭޓުންގެ ވެބްސައިޓެކެވެ. ކެންޑިޑޭޓުންގެ އޮޓޯބައިގްރަފީއާއި އަދި އެ ބޭފުޅުންގެ ކޭމްޕެއިންގެ ހުރިހާ ލިޔެކިޔުމެއް މުޖްތަމަޢަށް ގެނެސްދިނުމުގެ ހެޔޮ ނިޔަތުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. އެ ބޭފުޅުންނާއި ބެހޭ އާރޓިކަލްތައް މި ވެބްސައިޓްގައި ޖެހޭނެއެވެ. އެ ބޭފުޅުންނާއި ބެހޭގޮތުން އަޅުގަނޑުމެނަށް ލިބޭ ލިއުންތައް އެއްވެސް ސެންސަރެއްނެތި ޖެހޭނެއެވެ. ކެންޑިޑޭޓުންގެ ފަތިފުށް ކިޔުމުގައި، ޙަގީގަތާއި ޚިލާފު ވާހަކަތައް ނުލިޔުމަކީ، އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ. އަބަދުވެސް، ޙަޤީޤަތައް ލޯބިކުރަމާތޯއެވެ.
In the political arena of the
While we embark on such a historical journey, it is our duty to participate in each and every possible level to make it fruitful. All of our opinions count when we elect a man to hold the helm of the nation.
























