ނިއު މޯލްޑްވިސްގެ ޕްރެޝަރަށް މައުމޫނާއި މާލީ ވަޒީރު ވެއްޓިއްޖެ


Print Print E-Mail E-Mail

 

އަމީނު

ނިއު މޯލްޑްވިސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. ޙަސަނުގެ ރިޔާސީ ކޭމްޕެއިން ފެއްޓެވުމާއި ގުޅިގެން ރައީސު މައުމޫނުގެ ސަރުކާރުވަނީ އިންތިހާއަށް ޕްރެޝަރަށް ވެއްޓިފައެވެ. އަދި ހަމައެހެންމެ ނިއު މޯލްޑިވްސްގެ ބޭބޭފުޅުން ދައްކަވާ ވާހަކަފުޅުތައް ވަރަށް ހަލުވިކަމާއެކު ރައްދުވެސް ދެވޭތޯ ރައީސު މައުމޫނުގެ ސަރުކާރުން މަސައްކަތް ކުރައްވައެވެ.   އަދި މިހފަހަކަށް އައިސް އެބޭބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި އެއްގޮތަށް ޢަމަލުކުރެވޭތޯވެސް ރައީސު މައުމޫނުގެ ސަރުކާރުން މަސައްކަތް ކުރައްވައެވެ.

މިގޮތުން  މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދި.އެފް.އެމް. ގެ 8:30 އިން 9:30 އަށް “ރަޢްޔިތުންގެ ދުވަހަކަށް – ޑރ. ޙަސަން ސަޢީދު” މި ނަމުގައި ގެނެސްދޭ ޕްރޮގްރާމެއްގައި ރައީސު މައުމޫނަށާއި، ދައުލަތުގެ މާލީ ވަޒީރު އަލްފާޞިލު ޤާޞިމު އިބްރާހީމަށް ނުހަނު ފާޑުވިދާޅުވިއެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި އެމް.އެމް.އޭ. ގެ ބޯޑު މުސްތަޤިއްލު ނުކުރެވި 1 އަހަރުގެ ދިގު މުއްދަތު ފާއިތުވެފައިވަނީ މާލީ ވަޒީރު  އަލްފާޞިލު ޤާޞިމު އިބްރާހީމު އެމް.އެމް.އޭ ގެ ޤާނޫނާއި ޚިލާފަށް އެބޯޑުގައި ކޮންމެހެންވެސް ހުންނަން ބޭނުންފުޅު ވެލައްވާތީ ކަމަށެވެ.

އެބޭފުޅުންގެ ފާޑުވިދާޅުވިތާ 2 ހަފުތާވެސް ނުވަނީސް އެމް.އެމް.އޭ. ގެ ބޯޑު ސަރުކާރުން އެކުލަވާލައްވައިފިއެވެ. އަދި މިގޮތުން ބޯޑުއެކުލަވާލީ މާލީ ވަޒީރު ނުހިމެނޭގޮތަށެވެ.

ދިވެހިރާއްޖޭގައި އޮޑިޓް ޤާނޫނު ފާސްވިތާ 8 މަސްދުވަސްވީއިރުވެސް އޮޑިޓަރޖަނަރަލްއަކު ޢައްޔަނު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންގޮސް ތިއްބަވާ އެކަމަށް ނިއު މޯލްޑިވްސްގެ ބޭބޭފުޅުން ދި.އެފް.އެމް ގައި ފާޑުވިދާޅުވުމުން އެކަންވެސް ރައީސު މައުމޫނު ކުރެއްވިއެވެ.

މުސްލިމު ޤައުމެއްގައި ޙާކިމާއަކަށް ހުންނަވައިގެން ރައީސު މައުމޫނު ނެރުއްވާ “ހަމަ ރޯޅި” ގައި މީހުންގެ އަބުރާއި ކަރާމަތް ނަގާލައި، ހެއްދެވި ނެހެއްދެވިއަށް ގޮވާ ވާހަކަ ދި.އެފް.އެމް ގައި ދެއްކެވުމުން ހަމަ ރޯޅިގެ ބަސްމަގު ކޮންމެވެސް ވަރަކަށް ރަނގަޅު ކުރެއްވިއެވެ. އެހެންނަމަވެސް އެންދެރި-ކާމިނީ ޢާއިލާގެ ކަށީގައި ހިފާފައި ހުންނަ ކަންތައްތައް ފަސޭއަކުން ނުފިލާނެ ނޫންތޯއެވެ؟

“ފެކްޓް މޯލްޑިވްސް” އާއި ” ދި މޯލްޑިވިއަން” ފުލުހުންނާއި ސިފައިންލައްވާ ހިންގަވާ ވާހަކަ ދި.އެފް.އެމް ގައި ދެއްކެވުމުން އެ ދެ ވެބްސައިޓުވެސް ހުއްޓުވާލެއްވިއެވެ.

މީގެ ދެ އަހަރު ކުރިން ސަރުކާރުގެ މުވައްޒަފުންނަށް ހެލްތު އިންޝޯރެންސް ފޯރުކޮށް ދޭނޭ ކަމަށް ރިޔާސީ ބަޔާނުގައި ވަޢުދުވުމަށް ފަހުންވެސް އެކަންވަނީ ނުކުރައްވާފައެވެ. އެހެންނަމަވެސް  ޑރ. ޙަސަނުގެ ސަރުކާރެއްގައި ދިވެހި އެންމެހާ ރަޢްޔިތުންނަށް ހެލްތު އިންޝޯރެންސް ފޯރުކޮށްދޭނެކަމަށް ވިދާޅުވުމުން މިހާރު ރައީސު މައުމޫނުވެސް އެކަން ކުރައްވަން ބޭނުންފުޅު ވެލައްވާ ކަމަށް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އިންޝޯރަންސް ލިބޭނީ ދާދި ފަހުން މުސްކުޅި ކުރެއްވި ރައްވެހިންނާއި، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އާދައިގެ މުސާރަލިބޭ މުވައްޒަފުންނަށް ކަމަވެސް ރައީސު މައުމޫނު ވިދާޅުވިއެވެ. އަދި އެފަދަ މީސްމީހުންނަށް ބޭސްފަރުވާ ކުރެވޭނީ ހަމައެކަނި ރާއްޖެއިން ކަމަށްވެސް ރައީސު މައުމޫނު ވިދާޅުވިއެވެ. މާނައަކީ އަދިވެސް ބޭސްފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށް ދާންޖެހޭނީ މާލީ ވަޒީރާއި، ރިޔާސީ ގަނޑުވަރުގައި ސަލާންޖަހާއިގެންނެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރާ ކަންތައްތައް ހަރުދަނާ ކުރުމުގެ ގޮތުން އެކަމާއި ގުޅުންހުރި ހުރިހާ ދާއިރާއެއްގެ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ޑްރަގް އެންފޯސްމަންޓް އެޖެންސީއެއް ޑރ. ޙަސަނުގެ ސަރުކާރެއްގައި ޤާއިމުކުރައްވާނެ ކަމަށް އިޢުލަން ކުރެއްވުމުން ރައީސު މައުމޫނުވެސް އެފަދަ އެޖެންސީއެއް ޤާއިމު ކުރައްވައިފިއެވެ. އެހެންނަމަވެސް މިފަދަ އެޖެންސީއަކުން ކުރަންޖެހޭނޭ މަސައްކަތްތަކާއި އަދާކުރަންޖެހޭ ޒިންމާތައް އެނގިއެއް ނުލައްވައެވެ.

ބޯހިޔާވަހިކަން ތަނަވަސް ކޮށް ދިނުމުގެ ގޮތުން ޑރ. ޙަސަނުގެ ސަރުކާރެއްގައި ފަސްހާހާއި އަށްހާހާއި ދެމެދުގެ ޢަދަދެއްގެ ފްލައިޓް ޢިމާރާތް ކުރައްވާނެކަމަށް އިޢުލާން ކުރެއްވުމުން ރައީސު މައުމޫނުވެސް މިހާރު ވިދާޅުވަނީ ހަތަރުހާސް ފްލައިޓް ޢިމާރާތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މާޒީގެ ތަޖުރިބާއަށް ބަލާއިރު ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިގިލީގައި ބޯހިޔާވަހިކަން ތަނަވަސްކޮށް ދިނުމުގެ ގޮތުން ފެއްޓި މަޝްރޫޢު 17 އަހަރު ފަހުން ނިމުމަކަށް އައިއިރު ޢިމާރާތް ކުރެވުނީ އެންމެ 172 ފްލެޓެވެ! އެހެންނަމަވެސް މިއަދު އެވިދާޅުވަނީ ހަތުރުހާސް ފްލެޓް ޢިމާރާތް ކުރައްވާނެކަމަށެވެ.

ސަރުކާރުގެ އިސްރާފުތަކުގެ ވާހަކަ ނިއުމޯލްޑިވްސްގެ ބޭބޭފުޅުންނާއި އޮޕެން ސޮސައިޓީގެ ބައްދަލުވުންތަކުގައި އިޤްތިޞާދީ ބޭފުޅުން ދައްކަވަން ފެއްޓެވުމުން ރަޢްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަޤްޞަދުގައި ނަމަވެސް ކޮންމެވެސް ވަރެއްގެ ޚަރަދުތައް ކުޑަކުރަން ނިންމަވައިފިއެވެ.

ނިންމާލަމުން ދަންނަވަން އޮތް ވާހަކައަކީ  މަނިކުފާނު ތިޔަހުންނެވީ ޢުމުރުން ދުވަސްވެ، ލޯބޯ ކޮށިވެ، މުސްކުޅިވެ ޢަޖޫޒުވެ ޚިޔާލުގެ ގޮތުން އިފްލާސް ވެފައެވެ. ހަމައެހެންމެ މަނިކުފާނުގެ ސަރުކާރަކީވެސް ޚިޔާލުގެ ގޮތުން އިފްލާސްކުރެވިފައިވާ ސަރުކާރެކެވެ. ނަތީޖާއެއްގެ ގޮތުން މަނިކުފާނުގެ ސިޔާސީ ވާދަވެރިޔާ ޑރ. ޙަސަން ކޮޕީ ކުރައްވަނީ ނޫންތޯއެވެ؟ އަޅުގަނޑުގެ އިޚްލާޞްތެރި ނަޞޭޙަތަކީ މީހުން ކޮޕީ ކުރެއްވުމުގެ ބަދަލުގައި އެފަދަ ޚިޔާލުގެ އަހުލުވެރިންނަށް ޖާގަދެއްވުމެވެ.

Related Posts

5 Responses to “ނިއު މޯލްޑްވިސްގެ ޕްރެޝަރަށް މައުމޫނާއި މާލީ ވަޒީރު ވެއްޓިއްޖެ”

  1. ފްލައިޓް އާ ފްލެޓް ޓައިޕްކުރާމީހުން އޮޅުވާނުލާށެވެ. މިވެބްސައިޓަކީ ފެންވަރު ރަނގަޅު، ކުށްމަދު ލިޔުންތަށް ލިޔާ ވެބްސައިޓެކެވެ. ޓީމް އެންމެންގެ ވެސް އައި ކިޔޫ ރަނގަޅުވާން ޖެހޭނެއެވެ.

  2. އެހެންމީހުންގެ ހިޔާލާއި ފިކުރު ވަގައްނެގުމަކީ މައުމޫނުގެ އާދައެއް!

  3. Hi thats all good to US maldivians. Doctors taking the seat in the opposing manner we are seen the results.

    Good JOb!

    We change this time by giving all Maldivians Vote for 2008 to Dr. Hasan we will witness the results positively to our nation

  4. ސަރުކާރަށް ޕުރެޝަރ ދިނުމަކީ ތިޔައެވެ. -ހޯ-

  5. މައުމޫނެވެ. ޑީއާރުޕީގެ ނައިބު ޒައީމަށް ކެއްނުވެގެން އެންމެ ފަހުން ސަރުކާރުން އެއޮތީ އިސްތިއުފާވެސް ދީފައެވެ. ރައްޔަތުންނަށް އަދިވެސް ތިއުޅެނީ އޮޅުވާލާންށެވެ. މިއަދު ކޮންގްރެސްގަ މަނިކުފާނު ވިދާޅުވީވެސް އެންމެ ބޮޑު އެއްދޮގެވެ. ގައުމީ މަސްލަހަތަށްވުރެ ކުރިއަށް ބައެއް ޕާޓީތަކުން އަމިއްލަ މަސްލަހު ނެރޭ ވާހަކައެވެ. މިހެން މަނިކުފާނު ވިދާޅުވީ ޑ.އާރު.ޕީ އަކީ އެފަދަ ޕާޓީއެއް ނޫންކަމަ މަނިކްފާނަކީވެސް އެފަދަ މީހެއް ނޫންކަމަށް ހާމަ ކޮށްދިނުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ބުނަން ހެއްޏެވެ. މަނިކުފާނު މިހާރު ތިޔަ ދައްކަވާ ވާހަކަތައް ގަބޫލުކުރާނެ މީހެއް މިގައުމުގަ ނެތެވެ. 30 އަހަރު ވެރިކަން ކުރެއްވީ އަމިއްލަ މަސްލަހަތު ކުރިއަށް ނެރިގރން ނޫންތޯއެވެ. މިއަހަރު ބޮޑުބަޖެޓް ފާސްކުރީ ކާކުގެ މަސްލަހަތު ދިފާއުކުރަންތޯއެވެ. ކާކަށް ފައިދާއަކަށް ތޯއެވެ. ހަމަ ގައިމުވެސް އެބަޖެޓުން ދިވެހި ރައްޔަތުންނަށް ވާ ފައިދާއެއް ނެތެވެ. ރައްޔަތުންގެ މަޖިލީހާއި ރައްޔަތުންގެ ޚާއްސަ މަޖިލީހަށް ޕާޓީގެ ހައިސިއްޔަތުންނާއި ރައްޔަތުން ތަމްސީލްކުރަ އަމިއްލަ މެންބަރުންގެ ހައިސިއްޔަތުން ހުށަހެޅި ރައްޔިތުންނަށް ފައިދާހުރި އެތައް ބިލް ތަކެއް ފޭލް ކޮށްލީ އަޅުގަނޑުމެން ނިކަމެތި ރައްޔަތުންގެ ކުރިމަތީގައި ޑީ.އާރު.ޕީ މެމްބަރުން ވޯޓް ނުދީގެންނެވެ. މަނިކުފާނަކީ ފޭލްވެފަވާ މީހެކެވެ. =ނައިންޓެ=

Trackbacks

Leave a Reply

Readers are requested to respect the laws of the Maldives when commenting.

Please install Dhivehi Language Support and select Dhivehi to write in Thaana Script

Print Print E-Mail E-Mail