ޕްރޮފެސަރ ޢަބްދުﷲ ސަޢީދާއި ޑޮކްޓަރ ޙަސަން ސަޢީދު ލިއުއްވާފައިވާ ފޮތް ސިޔާސީ މަޤްޞަދަކަށްޓަކައި މަނާކުރުމާއި ބެހޭގޮތުން އަޅުގަނޑުމެން ދިވެހިން ކޮންމެހެން ދެނެގަންނަން ޖެހޭ ޙަޤީޤަތްތައް


Print Print E-Mail E-Mail

 

ފޮތަކީ ކޮންކަހަލަ ފޮތެއް؟

ފޮތުގައި ވާގޮތުން މުރުތައްދުވުމަކީ މުސްލިމަކު ކުރާނެ އެންމެ ބޮޑު ފާފައެވެ. އެކަމަކު އެފާފައަށް އޭނާއަށް ޖަޒާ ލިބޭނީ އާޚިރަތްދުވަހުއެވެ. (އެއީ އަބަދުގެ އަބަދަށް ނަރަކައިގައި ވުމެވެ.) ފޮތް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ މުރުތައްދުވާ މީހާއަށް ކަނޑައެޅިފައިވާ މަރުގެ އަދަބަށެވެ. މުރުތައްދުވުމަކީ ރަނގަޅުކަމެއްކަން، ނުވަތަ މުސްލިމުން އިސްލާމްދީން ދޫކޮށްލުމާއިމެދު ވިސްނަންވެއްޖެކަން، މިނޫނަސް މިފަދަ މާނައެއް ދޭހަވާ އެއްވެސް ވާހަކައެއް ފޮތަކު ނެތެވެ. އަދި މުރުތައްދުވުމަށް މިފޮތް އެއްވެސް ޙާލެއްގައި އެއްވެސް ވަރަކަށް ހިތްވަރެއް ނުދެއެވެ.

ފޮތަކީ ދީނީ މިނިވަންކަމާއި، މުރުތައްދުވުމުގެ މައްސަލަ މިއަދު އޮތް ގޮތާއިމެދު އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތުގައި ވާހަކަ ދެކެވިފައިވަނީ ކިހިނެއްތޯ ބަލައި ބަޙުސްކުރެވިފައިވާ ޢިލްމީ ދިރާސާއެކެވެ.

ފޮތަކީ އިސްލާމީ ޝަރީޢަތާއި ފިކުރުގެ މައްޗަށް ލިޔެވިފައިވާ އެފަދަ އެތައް ހާސް ފޮތެކޭ އެއްގޮތަށް، ނުލާހިކު އިޙްތިރާމު ލިބެނިވި ގޮތުގައި، ވަކި އުޞޫލުތަކަކާއި ހަމަތަކެއްގެ މަތިން، ކީރިތި ޤުރްއާނަށާއި، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކަށް އޭގެ ޙައްޤު ޤަދަރާއި މަޤާމު ދިނުމާއެކު، އަދި މައްސަލައާއި މެދު ފާޅުކުރެވިފައިވާ ތަފާތު ޚިޔާލުތަކަށް އިޙްތިރާމުކުރުމާއެކު، އެހެން ޢިލްމުވެރިންނަށާއި މުފައްކިރުންނަށާއި، ޢިލްމީ ބޭފުޅުނަށް ބަދުބަސް ރައްދުކޮށް ޙަމަލާ ދިނުމަކާއި ނުލައި ލިޔެވިފައިވާ ފޮތެކެވެ.

ފޮތުގައި ވަނީ މުސްލިމުން (އެހާރާއި މިހާރުގެ) މުރުތައްދުވުމުގެ މަފްހޫމު ދެނެގަންނަން މަސައްކަތްކުރީ ކިހިނެއްކަމާއި، މުސްލިމުން މުރުތައްދުވުން މާނަކުރީ ކިހިނެއްކަމާއި، އެމީހުންނަށް އެކަން ވިސްނުނީ ކިހިނެއްކަން ހޯދައިބަލަން މަސައްކަތް ކޮށްފައެވެ.

އިސްލާމީ ޝަރީޢަތުގައި މުރުތައްދުވުމުގެ ޙުކުމް އޮތްގޮތާމެދު ޢިލްމުވެރިންގެ ތަފާތު ޚިޔާލުފުޅުތައް، މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންނާއި އެކަމާއި ދެކޮޅު ހައްދަވާ ބޭފުޅުންވެސް ހިމެނޭ ގޮތަށް މިފޮތުގައި ރަނގަޅަށް ވަޒަންކޮށް ބެލިފައި ވެއެވެ.

ފެންނަންހުރި ނިންމުންތަކާއި ޚިޔާލުތަކުގެ އަލީގައި ފޮތުގެ މުޞައްނިފު (ޕްރޮފެސަރ ޢަބްދުﷲ ސަޢީދު) މުރުތައްދުވުމާއި ބެހޭގޮތުން އޭނާގެ ރައުޔު ބަޔާންކުރައްވާފައި ވެއެވެ. އޭނާގެ ނިންމެވުން އެއީ އެންމެ ފަހުގެ ނިންމުމުގެ ގޮތުގައި އޭނާ ހުށަހަޅުއްވާފައި ނުވެއެވެ. އެކަމަކު އޭނާ ހުށަހަޅުއްވާފައިވަނީ މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދިނުމާބެހޭ ޤާނޫނާއި މެދު އަލުން ވިސްނަންޖެހިފައި ވާކަމުގައެވެ.

އިސްލާމީ ޤައުމުތަކުގައި އެޤައުމުތަކުގެ ސިޔާސީ ވެރިން އެބައިމީހުންގެ ހަތުރުންނާއި ދެކޮޅަށް މުރުތައްދުވާ މީހުންނަށް އަދަބު ދިނުމާއި ބެހޭ ޤާނޫނު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ގޮތް (ދިވެހިރާއްޖޭގައިވެސް އިސްލާމީ ކަންތައްތަކާއި ބެހޭ މަތީ މަޖިލީހުން މިފޮތް މަނާކުރުމާއިއެކު ކަންތައް ކުރަމުން މިދާ ފަދައިން) މިފޮތުގައި ހޯދައި ބަލާފައި ވެއެވެ.

މެލޭޝިޔާގައި ޤައުމީ ފެންވަރެއްގައި މުރުތައްދުވުމުގެ މައްސަލައާއި މެދު ޢަމަލުކުރަނީ ކިހިނެއްކަން މިފޮތުގައި ބަލާފައި ވެއެވެ. މުރުތައްދުވުމާއި ބެހޭގޮތުން މިފޮތުގައި ކުރެވިފައިވާ ބަޙުސުގައި ޑޮކްޓަރ ޙަސަން ސަޢީދުގެ ޙިއްޞާ ވަރަށް ކުޑައެވެ. އެއީ އޭނާ ބައްލަވާފައިވަނީ ހަމައެކަނި މުރަތައްދުވާ މީހުންނާއި މެދު މެލޭޝިޔާގައި ޢަމަލުކުރަމުންދާ ގޮތުގެ މައްޗަށް ކަމަށްވާތީއެވެ. ފޮތުގެ ފުރަތަމަ ބައިގައި ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ލިއުއްވާފައިވާ އެއްޗެއްގައި ޑޮކްޓަރ ޙަސަން ސަޢީދުގެ އެއްވެސް ޚިޔާލުފުޅެއް ނުވެއެވެ. ފޮތުގައި، އިސްލާމީ ފިކުރުގައި މުރުތަދުވުން އޮތްގޮތާއި މެދު ބަޙުސުކުރެވިފައިވާ ފުރަތަމަ ބައި ލިއުއްވި ބޭފުޅަކީ ޕްރޮފެސަރ ޢަބްދުﷲ ސަޢީދުކަމުން، ފޮތުގެ މައްސަލައިގައި ޙަމަލާ ދެއްވާ ބޭފުޅުން، ޙަމަލާދެއްވަން ޖެހެނީ ޕްރޮފެސަރަ ޢަބްދުﷲ ސަޢީދަށެވެ. ޑޮކްޓަރ ޙަސަން ސަޢީދަކަށް ނޫނެވެ.

ފޮތަކީ ޢިލްމީ/ދިރާސީ މަސައްކަތެކެވެ. އިސްލާމް ދީނުގެ އަސާސީ ކަންތައްވެސް ނުދަންނަ، އިނގިރޭސިބަހުން މަދު ޖުމްލަކޮޅެއް އެއްކޮށްލައިގެން އެއްޗެއް ލިޔަން ނޭނގޭ ފެންވަރުގެ ބަޔަކަށް އަމާޒުކުރެވިފައިވާ އެއްޗެއް ނޫނެވެ. ޢުމަރު ނަޞީރާއި އޭނާއާއި އެކުގައިވާ މީހުންނަކީ އެފަދަ މީހުން ކަމުގައި ފެނެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުން ފޮތް މަނާކުރުމަށް ދައްކާ ސަބަބުތަކަކީ ކޮބާ؟

ފޮތް މަނާކުރަމުން މަތީ މަޖިލީހުން ބުނެފައި ވަނީ

(ހ) ފޮތަކީ “އިސްލާމްދީނުގެ އުޞޫލުތަކާއި” ޚިލާފު އެއްޗެއް ކަމަށް

(ށ) ޢާއްމު ދިވެހިންނަށް އޮޅުން އަރާފަދަ ޢިބާރަތްތަކެއް ފޮތުގައި ހުރި ކަމަށް.

މިތާނގައި މަތީ މަޖިލީހުން އެކުރަނީ ދަޢުވާއެކެވެ. އެހެންކަމުން މިދަޢުވާ ތެދުކަން ސާބިތުކޮށްދޭ ހެކިތައް މިފޮތުން ދައްކަން މަތީ މަޖިލީހަށް ޖެހޭނެއެވެ. އަދި އެމަޖިލީހުގެ ބަޔާނުގައި މިހެކިތައް (މިސާލެއްގެ ގޮތުގައި ނަމަވެސް) ހިމަނަން ޖެހޭނެއެވެ. އެބުނާ “އިސްލާމްދީނުގެ ޢުސޫލުތަކަކީ” ކޮބައިކަމާއި، އެބުނާ އޮޅުން އަރާ ޢިބާރާތްތަކަކީ ކޮބައިކަން މަތީ މަޖިލީހުގެ ބަޔާނުގައި ތަފްޞީލުކޮށް ބުނެދީފައި ނުވެއެވެ. މީގެ ސަބަބުން މަޖިލީހުގެ ދަޢުވާ އެއީ ތެދުއެއްޗެއް ކަމާއި މެދުވެސް ދިވެހިންގެ ހިތްތަކުގައި ވަނީ ޝައްކު އުފެދިފައެވެ.

މަތީ މަޖިލީހުން ދެއްކި ދެ ސަބަބަކީ ވެސް ސާފުކޮށް އެގެން ނެތް ދެ ސަބަބެވެ. އެހެންކަމުން ކިރިޔާވެސް ވިސްނޭ މީހަކު އެއީ މާހަމަޖެހޭ ދަޢުވާތަކެއްކަން ޤަބޫލެއް ނުކުރާނެއެވެ.

މަތީ މަޖިލީހުގެ ނިންމުމަކީ ދީނީ އަސާސެއްގެ މައްޗަށް ބިނާވެފައި ވުމަށްވުރެ ބޮޑަށް ސިޔާސީ ކުލަވަރު ޖެހިފައިވާ ނިންމުމެއް ކަމަށް ފެނެއެވެ. (އެއީ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ ޙަސަން ސަޢީދުގެ އަގުވައްޓާލުމުގެ ބޭނުމުގައެވެ.) ޑޮކްޓަރ ޙަސަން ސަޢީދު އޭނާގެ ނޫސް ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން، މަތީ މަޖިލީހުގެ ނިންމުމަކީ ފެންނަ ފެނުމުގައި ރައީސު މައުމޫނާއި އޭނާއަށް ވަފާތެރި ޝެއިޚް ރަޝީދުގެ ރޭވުމުގެ ދަށުން އޭނާއާ ދެކޮޅަށް ދެވުނު ސިޔާސީ މަޤްޞަދުތަކެއް އޭގެ ފަހަތުގައިވާ ޙަމަލާއެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ.

މިހިސާބުން މަތި މަޖިލީހުން ބުނާ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.

ފުރަތަމަ ސަބަބު: ފޮތަކީ “އިސްލާމީ އުޞޫލުތަކާއި” ޚިލާފު ފޮތެކެވެ.

ފޮތުގައި ވާ “އިސްލާމީ އުޞޫލުތަކާއި ފުށުއަރާ” ކަމަށް މަތީ މަޖިލީހުން ދެކޭ ބައިތައް ނުވަތަ ހުށަހެޅުންތައް މަތީ މަޖިލީހުން ފާހަގަކޮށްފައި ނުވެއެވެ. ނުވަތަ އޭގެ ތަފްޞީލު ދީފައެއް ނުވެއެވެ. ކަމުގެ މުހިއްމު ކަމަށް ބަލާއިރު މިއީ ކުރަންޖެހޭ ކަމެކެވެ.

ފޮތުގެ ޞަފްޙާތައް 227 އަށްވުރެ ގިނައެވެ. އޭގައި އެތައް ބައިވަރު ޚިޔާލަކާއި، އެތައް ހާސް ޖުމްލައަކާއި، އަދި އެތައް ޗެޕްޓަރެއް އެކުލެވިގެން ވެއެވެ. ޖުމްލަކޮށް ބަލާއިރު އެއީ ކޮންމެ ހުށަހެޅުމަކާއެކު އެހުށަހެޅުމަކަށް ތާއީދުކުރާ ދަލީލުތައް ގެނެސްދީފައިވާ ފޮތެކެވެ.

“އިސްލާމީ އުޞޫލުތަކާއި” ޚިލާފުވީ ފޮތުގެ ކޮން ބައެއްކަން ނުވަތަ ކޮން ޚިޔާލެއްކަން ބަޔާންކޮށްފައި ނުވާއިރު، މަތީ މަޖިލީހުގެ ބަޔާން ކިޔާ މީހަކަށް “އިސްލާމީ އުޞޫލުތަކާއި” ޚިލާފުވީ ފޮތުގެ ކޮންބައެއްކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟

“އިސްލާމީ އުޞޫލުތައް” ކަމަށް އެބުނަނީ ކޮން އެއްޗެއްބާ؟

“އިސްލާމީ އުޞޫލުތަކޭ” ބުނުމުން ދީނުގެ އަސާސީ މަޞްދަރުތައް ކަމުގައިވާ ކީރިތި ޤުރްއާނާއި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ފެށިގެން، އިތުރު ރަސޫލާގެ ޒަމާނުއްސުރެ އަދާއި ހަމައަށް މުސްލިމުން ދީނުގެ ބައެއްކަމުގައި ދެބަސްވުމެއްނެތި ޤަބޫލުކުރަމުން އައިސްފައިވާ ޢަމަލުތަކާއި އުޞޫލުތަކަށް ދާންދެން ހިމެނިދާނެއެވެ. މީގެ ތެރެއިން ވަކި އެއްޗެއް ޚާއްޞަނުކޮށް، މަތީ މަޖިލީހަށް “އިސްލާމީ އުޞޫލުތައް” ކަމުގައި ބެލެވެނީ ކޮން އެއްޗެއްކަން ދަނެގަތުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ އެބުނާ އުޞޫލުތަކަކީ ކޮބައިކަން ލަފާކުރުމެވެ. އެންމެ މުހިންމު ބައިތަކުން ފަށަމާ ހިނގާށެވެ.

ކީރިތި ޤުރްއާން

ފޮތް އެއުޞޫލުތަކާއި ޚިލާފުވާ “އިސްލާމީ އުޞޫލުތަކަކީ” މުރުތައްދުވުމުގެ އަދަބު ބަޔާންކޮށްފައިވާ ކީރިތި ޤުރްއާނުގެ އާޔަތްތައް ކަމުގައި ބަލަމާ ހިނގާށެވެ.

ފޮތުގައި، ޚާއްޞަކޮށް ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ލިއުއްވާފައިވާ ބައިގައި، ވާ އެންމެ މުހިއްމު ހުށަހެޅުމަކީ މުރުތައްދުވާ މީހަކަށް މަރުގެ އަދަބު ކީރިތި ޤުރްއާނުގައި ސާފުކޮށް އައިސްފައި ނުވާ ކަމެވެ. ކީރިތި ޤުރްއާނުގައި މިފަދަ އަދަބެއް ސާފުސީދާކޮށް ބަޔާންކުރާ އާޔަތެއް އޮތްނަމަ، މަތީ މަޖިލީހުން އެއާޔަތެއް ބަޔާންކޮށްދޭން ޖެހޭނެއެވެ.

ކީރިތި ޤުރްއާން އަޅުގަނޑުމެންގެ ކުރިމަތީގައި އެއޮތީއެވެ. ޢަރަބިބަހުންނެވެ. ނުވަތަ އިނގިރޭސި ތަރުޖަމާގެ ގޮތުގައެވެ. ނުވަތަ ދިވެހި ތަރުޖަމާގެ ގޮތުގައެވެ. މަތީ މަޖިލީހަށް އެފަދަ އާޔަތެއް (މިސާލަކަށް “މުރުތައްދުވާމީހާއަށް މަރުގެ އަދަބު ދޭންޖެހޭނެއެވެ.” ފަދަ ޢިބާރާތެއް އޮތް އާޔަތެއް) އޮތްކަމަށް ފެންނަ ނަމަ، އެމީހުން އެ އާޔަތް އޮތް ސޫރަތަކާއި، އާޔަތުގެ ނަމްބަރު ދިވެހި ރައްޔިތުންނަށް ބުނެދޭން ޖެހޭނެއެވެ. ކީރިތި ޤުރްއާން އާޔަތަކުން އާޔަތަކުން ބަލަމުން ދިއުމުން މިކަން ފަސޭހައިން ކުރެވިދާނެއެވެ. މަތީ މަޖިލީހަށް އެފަދަ އާޔަތެއް ނުދެއްކުނު ނަމަ. ފޮތުގައިވާ ޚިޔާލު ކީރިތި ޤުރްއާނާއި ފުށުއަރައޭ ނުބުނެވޭނެއެވެ.

އަނެއް މައްސަލައަކީ، ޢަޤީދާގެ މިނިވަންކަމަކީ އަސާސީ އިންސާނީ ޙައްޤެކޭ ބުނުމުން މިފޮތް “އިސްލާމީ އުޞޫލުތަކާއި” ފުށުއަރާނަމަ، މަތީ މަޖިލީހުން ކީރިތި ޤުރްއާނުގެ ބައެއް ބައިތައް ގެންގުޅުންވެސް މަނާކުރަން ޖެހޭނެއެވެ. ޢަޤީދާގެ މިނިވަންކަމަކީ އަސާސީ ޙައްޤެކޭ ބުނަނީ ޕްރޮފެސަރ ސަޢީދެއް ނޫނެވެ. ކީރިތި ޤުރްއާނުގެ އެއް އާޔަތަށް ވުރެ ގިނަ އާޔަތުގައި (މައްކާގައި ބާވައިލެއްވުނު އާޔަތްތަކާއި މަދީނާއަށް ހިޖުރަކުރެއްވި ފަހުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރެއިން ވެސް) ޢަޤީދާގެ މިނިވަން ކަމަކީ އަސާސީ ޙައްޤެއް ކަމުގައި ސީދާ ގޮތުގައްޔާއި ނުސީދާ ގޮތުގައި އައިސްފައި ވެއެވެ. އެއީ ސީދާ ﷲގެ ޙަޟްރަތުން އިންސާނުންނަށް ދެއްވާފައިވާ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްވެސް އެ ނިގުޅައިގަތުމުގެ ހުއްދަ ލިބިވަޑައިގެންފައި ނުވާ ޙައްޤެކެވެ. ކީރިތި ޤުރްއާނާއި، ޤުރްއާނުގެ ތަފްސީރު ކުޑަކޮށްވެސް ދަންނަ ބަޔަކަށް މިކަން އެނގޭނެއެވެ. މިފަދަ އެތައް އާޔަތެއް މިފޮތުގައި ގެނެވިފައި ވެއެވެ. އަދި ޕްރޮފެސަރ ސަޢީދު ފޮތުގައި ހިމަނުއްވާފައި ނުވާ އެތައް އާޔަތެއް ޤުރްއާނުގައި ވެއެވެ. ބަހުގެ އަސާސީ ޢިލްމު ލިބިފައި ހުރި ކޮންމެ މީހަކަށް އެއާޔަތްތައް ފެންނާނެއެވެ. އެހެންކަމުން މައްސަލައަކީ “ޢަޤީދާގެ މިނިވަންކަން” ކަމުގައި ވާނަމަ، މަތީ މަޖިލީހުން ޤުރްއާނުގެ ބައިތައް މަނާކުރަން އުޅުން މާރަނގަޅެވެ. އެއީ، މަތީ މަޖިލީހުން “އިސްލާމީ އުޞޫލުތައް” ކަމުގައި ދެކޭ ކަންކަމާއި ކީރިތި ޤުރްއާން ފުށުއަރާތީއެވެ. މަތީ މަޖިލީހަށް، އެމީހުންނަށް ފަހުމުވާ “އިސްލާމީ އުޞޫލުތައް” ރައްކާތެރިކުރުމުގެ ނަމުގައި ކީރިތި ޤުރްއާނުން ބައެއް ދިވެހިރާއްޖޭގައި މަނާކުރަން ކެރިދާނެހެއްޔެވެ؟

މިފޮތުގައި ކީރިތި ޤުރްއާނާއި ޚިލާފު ވާހަކަތަކެއް ހުރިކަމަށް ބުނާ ބުނުމަށް ތާއީދުކުރާ އެއްވެސް ދަލީލެއް މަތީ މަޖިލީހަކަށް ނުދެއްކެއެވެ.

ކީރިތި ރަސޫލާގެ ސުންނަތް:

އެ “އިސްލާމީ އުޞޫލަކާ” މިފޮތް ފުށުއަރާ އުޞޫލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ނުވަތަ ޙަދީޘުކަމުގައި ވަނީނަމަ، ފޮތުގެ މުޞައްނިފު ބަޔާންކުރައްވަނީ މުރުތައްދުވާ މީހުންނަށް މަރުގެ އަދަބުދިނުމުގައި ދަލީލުގެ ގޮތުގައި ބުރަވެވިފައިވަނީ ބައެއް އާޙާދް ޙަދީޘުތަކުގެ މައްޗަށް ކަމުގައެވެ. އަދި މުޞައްނިފު ވަނީ ދަލީލުގެ ގޮތުގައި ފެންނަން ހުރި ޙަދީޘުތައް މާނަކުރެވިދާނެ ތަފާތު ގޮތްތައް ބަޔާންކުރައްވާފައެވެ. މިކަމުގައި އޭނާ ބުރަވެވަޑައިގަންނަވަނީ ޙަދީޘު ޢިލްމާއި ފިޤުހު ޢިލްމުގައި ފުންނާބު އުސް ބޭފުޅުންގެ ބަސްފުޅުތަކުގެ މައްޗަށެވެ. މުރުތައްދުވާ މީހުންނަށް އަދަބު ދިނުން ސާބިތުވަނީ މުތަވާތިރު ޙަދީޘުން ކަމަށާއި، މިކަމާއިމެދު މުސްލިމުންގެ މެދުގައި ޚިލާފެއް ނެތްކަމަށް މަތީ މަޖިލީހަށް ޤަބޫލުކުރެވޭނަމަ އެކަމުގެ ދަލީލު ދައްކަން މަތީ މަޖިލީހަށް ޖެހޭނެއެވެ.

ހަމައެކަނި މުރުތައްދުވީ ކަމަށްޓަކައި އެއްވެސް މުރުތައްދަކަށް ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަހަކުވެސް މަރުގެ އަދަބު ދެއްވާފައި ނުވާކަމުގައި ވެސް ފޮތުގެ މުޞައްނިފު، ޕްރޮފެސަރ ޢަބްދުﷲ ސަޢީދު ވިދާޅުވެފައި ވެއެވެ. މިކަމުގައި އޭނާއަށް އިހާއި ފަހުގެ ވަރަށް ގިނަ މުސްލިމް ޢިލްމުވެރިންނާއި މުފައްކިރުން ތާއީދުކުރައްވާފައި ވެއެވެ. (މީގެ ތެރެއިން ބައެއް ބޭފުޅުންނަކީ މުފްތީންނެވެ. އަނެއްބައި ބޭފުޅުންނަކީ ޝޭޚް ރަޝީދާއި މައުމޫނު ޢަބްދުލް ޤައްޔޫމް އެތަނަކުން ކިޔަވާވިދާޅުވި އަޒްހަރުގެ ޝޭޚުންނެވެ.)

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމައެކަނި މުރުތައްދުވީ ކަމަށްޓަކައި އެއްވެސް މީހަކަށް މަރުގެ އަދަބު ދެއްވާފައިވާ ކަމުގެ ދަލީލެއް މަތީ މަޖިލީހަށް ލިބިފައިވާނަމަ އެދަލީލެއް ހާމަކުރަންވީއެވެ. މަތީ މަޖިލީހަށް ދަލީލު ހާމަނުކުރެވުނިއްޔާ، ފޮތުގެ މުޞައްނިފުގެ ބަސްފުޅު އެއީ ރަނގަޅު ބަސްފުޅެވެ. އަދި ފޮތުގައިވަނީ ސުންނަތާއި ޚިލާފު ވާހަކަތަކެއް ކަމުގައި މަތީ މަޖިލީހަށް ނުބުނެވޭނެއެވެ.

އިސްލާމްދީނާއި ބެހޭ އަސާސީ ޢިލްމު ލިބިފައިވާ މީހަކަށް ވެސް އެނގޭނެ ފަދައިން، “އިސްލާމީ” އޭ ބުނެވޭ ކޮންމެ ކަމެއްގައި މުހިއްމުވާނީ ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތެވެ. ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގައި ކަމަކާއި ބެހޭ ގޮތުން އެއްވެސް ބަސްފުޅެއް ސާފުކޮށް އައިސްފައި ނުވާނަމަ، ނުވަތަ އެކަމެއް ކުރުމަށް އަމުރުކުރައްވާފައި ނުވަތަ އެކަމެއް ނަހީކުރައްވާފައި ނުވާނަމަ، ކޮންމެ މީހަކު (އެއީ ކިތަންމެ މޮޅު ޢިލްމުވެރިއަކު ނުވަތަ ދަންނަބޭކަލަކު ކަމުގައި ވިޔަސް) އެއީ “އިސްލާމީ” ކަމެކޭ ބުންޏަސް އެބުނުމާއި ދެކޮޅަށް ބަޙުސްކޮށް، ޒުވާބު ދެވިދާނެއެވެ. އަދި އެބަހަށް ގޮންޖެހިދާނެއެވެ. ޕްރޮފެސަރ ސަޢީދު ވިދާޅުވާފަދައިން، މުރުތައްދުވާ މީހާއަށް މަރުގެ އަދަބު ދިނުމަކީވެސް މިފަދަ ކަމެކެވެ. އެހެންކަމުން އޭނާގެ ބަސްފުޅަކީ ހަމަ އިޖްތިހާދެކެވެ. އެއީ ގޯސް އިޖްތިހާދެއް ކަމަށް ވެސް ވެދާނެއެވެ. އަދި ޙަދީޘުން އެނގޭ ގޮތުގައި މީހަކު ކުރާ އިޖްތިހާދު ގޯސްވުން އެއީ މައްސަލައެއް ނޫނެވެ. މަތީ މަޖިލީހުގެ މެމްބަރުންނަށް މިކަން އެނގެން ވާނެއެވެ.

މިފޮތަކީ ރަސޫލާގެ ސުންނަތާއި ޚިލާފު ފޮތެކޭ ބުނެވޭ ބަހަށް ތާއީދުކުރާނެ އެއްވެސް ދަލީލެއް މަތީ މަޖިލީހަށް ނުދެއްކޭނެއެވެ.

އިޖްމާޢު:

އެ “އިސްލާމީ އުޞޫލަކާއި” މިފޮތް ޚިލާފުވާ އުޞޫލަކީ ދަންނަބޭކަލުންގެ އިޖްމާޢުކަމުގައި ވަނީނަމަ، ފޮތުގެ މުޞައްނިފު ވިދާޅުވަނީ، މުރުތައްދުވާ މީހާއަށް އަދަބު ދިނުމަށް (މަރުގެ އަދަބު ދިނުމަށް) ޢާއްމުގޮތެއްގައި އިސްލާމީ ހުރިހާ މަޒްހަބަކުން ތާއީދުކުރައްވާފައި ވީ ނަމަވެސް މި އަދަބު ދިނުމާއި ދެކޮޅު ބޭފުޅުންވެސް އެބަތިއްބެވިއެވެ. އޭނާ މިކަމަށް މިސާލުވެސް ދައްކަވާފައި ވެއެވެ.

މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ މައްސަލައިގައި ދަންނަބޭކަލުންގެ އިޖްމާޢެއް އޮތްކަމަށް ޕްރޮފެސަރ ޢަބްދުﷲ ސަޢީދު (އޭނާއަށް އިޖްމާޢުގެ މާނަ ވިސްނިވަޑައިގަންނަވާ ގޮތުގެ މައްޗަށް ބިނާކުރައްވައި) ޤަބޫލުފުޅު ނުކުރައްވައެވެ. އުޞޫލުލް ފިޤްހުގެ ކުޑަ މިންވަރެއް ނަމަވެސް ދަންނަ މީހަކަށް އެނގޭނެ ފަދައިން، އިޖްމާޢުގެ މާނަ ތަފާތު ގޮތްގޮތަށް ނެގޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ސުފްޔާން އައްޘަޥްރީ އިން ފެށިގެން އަދާއި ހަމައަށް އެތައް ޢިލްމުވެރިންނެއް މުރުތައްދުވާ މީހުންނަށް މިދުނިޔޭގައި އަދަބެއް އޮތް ކަމަށް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. (މިމައްސަލައިގައި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެލައްވާށެވެ.)

މިމައްސަލައިގައި އިޖްމާޢެއް އޮތް ކަމަށް ބެލިކަމުގައި ވިޔަސް، މުޞައްނިފު ދެކެވަޑައިގަންނަވަނީ، ހަމައެކަނި ކަމެއްގައި އިޖްމާޢެއް އޮތްކަމަށް ދަޢުވާކުރުމަކުން، އެއިޖްމާޢާއި ދެކޮޅުނުހެދޭނެ ގޮތް ނުވާނެކަމުގައެވެ. މުސްލިމުން ޒަމާނުއްސުރެ މިގޮތަށް ދެކޮޅު ހަދާފައި ވާތީއެވެ. އުޞޫލުލް ފިޤްހުގެ އަލިބުފާ ދަންނަ މީހަކަށްވެސް ޚުދް އިޖްމާޢު އެއީ ކޮން އެއްޗެއް ކަމާމެދު ދަންނަބޭކަލުންގެ މެދުގައި އިޖްމާޢެއް ނެތްކަން އެނގޭނެއެވެ. އިޖްމާޢަކީ ކޮބައިކަން އެކިބޭފުޅުން މާނަކުރައްވަނީ އެކިގޮތަށެވެ. އޮޅުމެއް ނެތި ފާޅުކޮށް އޭގެ މަފްހޫމު އެނގޭ ޤުރްއާނުގެ އާޔަތެއް ނުވަތަ މުތަވާތިރު ޙަދީޘެއްގެ މައްޗަށް ބިނާވެފައި އޮތް އިޖްމާޢަކާއި ދެކޮޅު ހެދުމަކީ އުނދަގޫ ކަމެކެވެ. މިސާލަކަށް ވައްކަންކުރުން ޙަރާމްކަމާއި އެކަމަށް ޢުޤޫބާތް ކަނޑައެޅިފައި އޮތްކަމާއި މެދު ދަންނަބޭކަލުންގެ ޢިޖްމާޢު އެބައޮތެވެ. ކިރިޔާވެސް އިސްލާމްދީނާއި ބެހޭގޮތުން އެއްޗެއް ދަންނަ މުސްލިމަކު ވަންކަންކުރުމަކީ ޙަރާމްކަމެއް ނޫނޭ ނުބުނާނެއެވެ. އެއީ މިކަމާއި ބެހޭގޮތުން ޤުރްއާނާއި ސުންނަތުގައި ސާފު ޢިބާރާތުން އައިސްފައި ވާތީއާއި މުސްލިމް ދަންނަބޭކަލުން މި އާޔަތާއި ޙަދީޘުތަކުގެ ދޭހައާއި މެދު ދެބަސްވެވަޑައިގެންފައި ނުވާތީއެވެ.

މުރުތައްދުވާ މީހުންނަށް މަރުގެ އަދަބުދިނުން ބިނާވެފައިވަނީ މިފަދަ އަސާސެއްގެ މައްޗަކަށް ނޫންކަމުގައި މުޞައްނިފު ދެކެވަޑައިގަންނަވައެވެ. މިއަދަބުދިނިމުގެ ދަލީލުގެ ގޮތުގައި ގެނެވިފައިވާ ބައެއް ޙަދީޘުތަކަކީ ޞައްޙަ ޙަދީޘުކަމުގައި ވިޔަސް، އޭގެ މަފްހޫމު ބިނާވެފައި އޮންނަނީ އެ ކިޔޭ ގޮތުގެ މައްޗަށެވެ. އަދި އެހެންނޫނަސް އެޙަދީޘުތަކަކީ އާޙާދް ޙަދީޘުތަކެކެވެ. މުތަވާތިރު ޙަދީޘެއް ނޫނެވެ. ދީނުގެ ޙައްދެއް އާޙާދް ޙަދީޘުގެ މައްޗަށް ބުރަވެ ޤާއިމްކުރެވިދާނެކަމާއި މެދު ފިޤުހުވެރިން ދެބަސްވެވަޑައިގަންނަވައެވެ.

މުސްލިމް ފިޤުހުވެރިންނާއި، އުޞޫލުލް ފިޤުހުގެ ޢިލްމުވެރިންގެ މެދުގައި އުޞޫލުލް ފިޤްހުގައި އިޖްމާޢަކީ ކޮބައިކަމާމެދު ދެބަސްވުމެއް ނެތޭ، ނުވަތަ މުރުތައްދުވުމުން ދޭ މަރުގެ އަދަބާއި މެދު މުސްލިމް ފިޤުހުވެރިންނާއި މަޝްހޫރު ޢިލްމުވެރިންގެ މެދުގައި ފާހަގަކޮށްލެވޭ ވަރުގެ ޚިޔާލުތަފާތުވުންތަކެއް ނެތޭ މަތީ މަޖިލީހަށް ބުނަން ކެރިދާނެ ހެއްޔެވެ؟ އެހެން ބުނަން ނުކެރުނިއްޔާ ފޮތުގެ މުޞައްނިފުގެ ރައުޔު އެއީ ރަގަޅު ރައުޔެކެވެ.

އިހުގެ ދަންނަބޭކަލުންގެ މެދުގައި އެކަމަކާއިމެދު އިޖްމާޢު އޮވެފައިމެ، މިޒަމާނުގެ މުސްލިމް ޢިލްމުވެރިން އެ އިޖްމާޢާއި ދެކޮޅު ހައްދަވާފައިވާ ނުވަތަ ދޫކޮށްލައްވާފައިވާ ކިތަންމެ ކަމެއް ފެންނާން އެބަހުއްޓެވެ. މިފަދަ އިޖްމާޢުތައް ބިނާވެފައި އޮތީވެސް މާނައިގައި އޮޅުމެއްނެތި ސާފުކޮށް އެނގޭ ޤުރްއާނުގެ އާޔަތްތަކާއި ޙަދީޘުތަކުގެ މައްޗަށެވެ. އެހެންނަމަވެސް، ހަމަތަކާއި ޙާލަތަށް އައި ބަދަލުގެ ސަބަބުން އެއިޖްމާޢު ދޫކޮށްލެވުނީއެވެ. ތިރީގައި މިވަނީ އެފަދަ ބައެއް މިސާލުތަކެވެ.

އިންސާނުން އަޅުންގެ ގޮތުގައި ގަނެ ވިއްކުން ހުއްދަވުން. މިކަމުގެ މައްޗަށް ދަންނަބޭކަލުންގެ އިޖްމާޢު އޮތެވެ. (ފިޤުހުގެ ކޮންމެ ފޮތަކުން ވެސް މިކަމަށް ހެކި ލިބޭނެއެވެ.) އެކަމަކު މިއަދު ހުރިހާ އިސްލާމީ ޤައުމެއްގައި މިކަން ވަނީ މަނާކުރެވިފައެވެ. ކުރިން މިކަމާއިމެދު ދަންނަބޭކަލުންގެ އިޖްމާޢު އޮތޭ ކިޔާފައި އަޅުގަނޑުމެންވީ އަޅުން ގަނެ ވިއްކުމަކީ ޤަބޫލުކުރެވޭނޭ ކަމެއްކަމުގައި ހަދަންހެއްޔެވެ؟ މިއީ ކުރިން ޤަބޫލުކުރެވުނު ކަމެކެވެ. އެކަމަކު މިހާރު މުސްލިމުންވަނީ އެހެން ވިސްނުމަކާއި ހަމައަށް ދަތުރުކޮށްފައެވެ.

އަޅުން ގަނެ ވިއްކުމުގެ ބާޒާރު ހިންގުން. (މިކަމަކީވެސް ހުއްދަ ކަމެއްކަމާއިމެދު ދަންނަބޭކަލުންގެ އިޖްމާޢު އޮތުމާއި އެކު މިއަދު ހުރިހާ އިސްލާމީ ޤައުމެއްގައި މަނާކުރެވިފައިވާ ކަމެކެވެ.)

އަންހެނުން ޤައުމުގެ އިސްވެރިކަމަށް ނުވަތަ ފަނޑިޔާރުކަމަށް އިސްނުކުރެވުން. (ގިނަ އިސްލާމީ ޤައުމުތަކުން ވަނީ މިއިޖްމާޢާއި ޚިލާފަށް ޢަމަލުކޮށްފައެވެ.)

ބާލިޣުނުވާ އަންހެންކުދިންނާއި ކައިވެނިކުރުން ހުއްދަވުން. (ގާތްގަނޑަކަށް ހުރިހާ ޤައުމަކުން ވަނީ މިކަން މަނާކޮށްފައެވެ. އަދި މިޢަމަލަކީ މިހާރު ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރުން ކަމުގައި ބެލެވޭ ކަމެކެވެ.)

އިސްލާމީ ޤައުމުތަކުގައި އުޅޭ ޣައިރު މުސްލިމުން ޖިޒްޔަ ދޭންޖެހުން (ހުރިހާ އިސްލާމީ ޤައުމެއްގައި މިކަން ވަނީ މަނާކުރެވިފައެވެ.)

އިސްލާމީ ޤައުމުތަކުގެ މުސްލިމް ރައްޔިތުންނާއި ޣައިރު މުސްލިމް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ނެތުން (ގާތްގަނޑަކަށް ހުރިހާ މުސްލިމް ޤައުމެއްގައިހެން މިކަން ވަނީ މަނާކުރެވިފައެވެ.)

އިސްލާމްދީން ދޫކޮށް މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދިނުން. ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގައި މިކަން ވަނީ މަނާކުރެވިފައެވެ. ދިވެހިރާއްޖޭގައިވެސް މިކަމަށް ޢަމަލުނުކުރެވެއެވެ. (މިއީ މިފޮތުގެ މައުޟޫޢެވެ.)

މިދަންނަވާލެވުނީ އިސްލާމީ ޝަރީޢަތުގައި އެކަންކަމާމެދު ދަންނަބޭކަލުންގެ އިޖްމާޢު އޮވެފައިމެ، މިއަދު ޙާލަތު ބަދަލުވެފައިވާތީ، މިޒަމާނުގެ މުސްލިމުން 14 ޤަރުނަށްވުރެ ދިގު މުއްދަތެއް ހޭދަވެފައިވާ އެއިޖްމާޢާމެދު ސުވާލުކުރުމުގެ އިތުރުން ޢަމަލީ ގޮތުން އެކަންކަން މަނާކޮށްފައިވާ ބައެއް ކަންކަމުގެ މިސާލެވެ. ވީއިރު، މުރުތައްދުވުމަށް މަރުގެ އަދަބުދިނުމާއި މެދު ސުވާލުއުފެދި އެވާހަކަ ދެއްކުމަކީ އާ ކަމެއް ނޫނެވެ. ޙަޤީޤަތުގައި ވަރަށް މަދު ޤައުމެއް ފިޔަވައި، އެއްވެސް އިސްލާމީ ޤައުމެއްގައި (ދިވެހިރާއްޖެވެސް މީގެ ތެރޭގައި ހިމެނޭ) މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ނުދެއެވެ. މިއަދުގެ މުސްލިމުންނަށް އެއީ މާބޮޑު މައްސަލައެއް ނޫނެވެ.

މިފޮތަކީ އިޖްމާޢާއި ޚިލާފު ފޮތެކޭ ބުނާނެ އެއްވެސް ޖާގައެއް މަތި މަޖިލީހަށް ނެތެވެ.

ޙަޤީޤަތުގައި މިފޮތަކީ “އިސްލާމީ އުޞޫލުތަކާއި” ޚިލާފު ފޮތެކޭ ބުނެވޭނެ އެއްވެސް ޖާގައެއް މަތީ މަޖިލީހަށް ނެތެވެ. އެމީހުން ހަމައެކަނި ބޭނުންވީ “އިސްލާމީ އުޞޫލުތަކޭ” ބުނެ އެއްވެސް ތަފްޞީލެއް ހާމަނުކޮށް، މާނަ ރަނގަޅަށް ދޭހަނުވާ ޢިބާރާތެއްގެ ފަހަތުގައި ނިވާވެ ތިބޭށެވެ.

ދެވަނަ ސަބަބު: އާދައިގެ މީހާއަށް (ލަފާކުރެވޭ ގޮތުގައި ދިވެހިންނަށް) އޮޅުންއަރާ ފަދަ ވަރަށް ގިނަ ޢިބާރާތްތަކެއް މިފޮތުގައި އެބަހުއްޓެވެ.

މިއީ ފޮތެއް މަނާކުރަން މީހަކު ދައްކާނެ އެންމެ ތާކުންތާކު ނުޖެހޭ ސަބަބެވެ.

އާދައިގެ މީހަކަށް ފޮތެއްގައި ލިޔެވިފައިވާ އެއްޗެއް އޮޅުން އަރާފާނެ ވަރަށް ގިނަ ސަބަބުތަކެއް ވެއެވެ.

ފޮތުގައިވާ އެއްޗެއް ފަހުމުވާ ފަދަ ތަމްރީނެއް ލިބިފައި ނެތުން (މިސާލަކަށް ސައިންސްގެ ރޮނގުން އެއްވެސް ތަމްރީނެއް ލިބިފައި ނެތް މީހަކު ނިއުކްލިއަރ ފިޒިކްސްގެ މައްޗަށް ލިޔެފައިވާ ފޮތެއް ކިޔައިފިނަމަ އޭނާއަށް މުޅިފޮތް ވާނީ އޮޅުންއަރާ އެއްޗަކަށެވެ.) މިސާލަކަށް މީހަކު އިބްނު ރުޝްދުގެ ބިދާޔަތުލް މުޖްތަހިދު ފަދަ އިހުގެ ފިޤުހު ފޮތެއް، މިފަދަ ފޮތެއް ކިޔަން ބޭނުންވާ ހުނަރު ނުލިބިހުރެ ކިޔައިފިނަމަ، މުޅި އެފޮތް އޭނާއަށް އޮޅުން އަރާ އެއްޗަކަށް ވާނެއެވެ. މިފަދަ ފޮތެއްގައި ވާ ގިނަ ޢިބާރާތްތައް ވާނީ އެފެންވަރުގެ މީހަކަށް އޮޅުން އަރާ ޢިބާރާތްތަކަކަށެވެ. އެއީ އޭނާއަށް އެފެންވަރުގެ ތަމްރީނު ލިބިފައި ނުވާތީއެވެ. ތައުޙީދާއި، ތަފްސީރާއި، ޙަދީޘާއި، އުޞޫލުލް ފިޤްހާއި، ތަޞައްވުފާއި، މިޒަމާނުގެ އިސްލާމީ ފިކުރުގެ މައްޗަށް ލިޔެވިފައިވާ ފޮތްތައްވެސް ވާނީ ހަމަ މިފަދަ ފޮތްތަކަކަށެވެ. އެހެންކަމުން (އަޅުގަނޑުމެން ލަފާކުރާގޮތުގައި މިފަދަ ޢިލްމުތަކުގެ އެއްވެސް ތަމްރީނެއް ނެތް، އަދި ލަފާކުރެވޭ ގޮތުގައި ޤުރްއާނާއި ޙަދީޘާއި ދެމެދު ފަރަޤުކުރަންވެސް ނޭނގޭ) ޢުމަރު ނަޞީރު އަދި އޭނާގެ ފެންވަރުގެ އެހެން މީހުންނަށް މިފޮތާއި އޭގައިވާ ވަރަށް ގިނަ ޢިބާރާތްތައް ވާނީ އޮޅުން އަރާ އެއްޗަކަށެވެ. އެބައިމީހުންގެ ކިބައިގައި މިފޮތާއި އޭގައި ހުށަހަޅާއިވާ މައްސަލަ ފަހުމްވާނެ ހުނަރެއް ނެތެވެ.

ފޮތް ކިޔާމީހާއަށް ފޮތުގައި ލިޔެވިފައި ހުރި އެއްޗެއް ފަހުމުވާވަރަށް ބަހުގެ ހުނަރު ލިބިފައި ނެތުން. އިނގިރޭސި ބަހުގެ ހުނަރު އަސާސީ ފެންވަރަށް ލިބިފައިވާ މީހަކު ޢިލްމީ ލިއުމެއް (މިފޮތް ފަދަ) ކިޔަން އުޅެފިނަމަ އޭނާއަށް މުޅި ފޮތުގެ ޢިބާރާތްތައް އޮޅުން އަރާނެއެވެ. ކިޔާމީހާއަށް އެއްވެސް ހުނަރެއް ލިބިފައިނުވާ ޢިލްމީ ދާއިރާއެއްގައި ލިޔެފައިވާ ފޮތެއް ކިޔަން އިނގިރޭސި ޖީސީއީ އޯ ލެވެލް ނުވަތަ އޭ ލެވެލް އޮތުމަކުން ނުފުދޭނެއެވެ.

ކޮންމެ މީހަކުވެސް ހީކުރާނީ އިސްލާމީ ކަންތައްތަކާބެހޭ މަތީ މަޖިލީހުގެ މެމްބަރުންނަކީ ޢާއްމު މީހުންނަށްވުރެ ފެންވަރު މަތި ބައެއްކަމުގައެވެ. ނަމަވެސް ހިތާމައަކީ މަތީ މަޖިލީހުން ނެރުނު ބަޔާން ކިޔާލުމުން އެއީ ތިމާއަށް ލިޔެވޭ އެއްޗެއްވެސް ފަހުމުނުވާ ފެންވަރުގެ އާދައިގެ މީހަކު ލިޔެފައި އޮތް އެއްޗެއްހެން ހީވުމެވެ. އެބަޔާނުގައި އެއްވެސް އިތުރު ތަފްޞީލެއް ދިނުމަކާއި ނުލައި ގެނެސްފައިވާ “އިސްލާމީ އުޞޫލުތައް” އަދި “ޢާއްމު ފަރުދުންނަށް އޮޅުން އަރާފަދަ ޢިބާރާތްތައް ހުރުން” ފަދަ ޢިބާރާތްތަކުން ދައްކައިދެނީ މަތީ މަޖިލީހުން އިސްލާމީ ޢިލްމީ ހޯދުންތަކާއި އެހޯދުންތައް ހޯދައި ލިޔެވޭ ގޮތް މުޅިން ހަނދާން ނައްތާލާފައިވާ ވަރެވެ.

ޢާއްމު ފަރުދުންނަށް އޮޅުންއަރާ ފަދަ ޢިބާރާތްތައް ހުރެގެން ފޮތްތައް މަނާކުރަނީ ކަމުގައި ވަނީނަމަ، ފޮތް ފިހާރަތަކާއި، ލައިބްރަރީތަކާއި، ސްކޫލްތަކުގައި ހުރި ހުރިހާ ފޮތެއް މަނާކުރަންވީ ނޫންހެއްޔެވެ؟ އެއީ، އެފޮތްތައް ކިޔައި ދެނެގަންނާނެ ޢިލްމު، ގިނަ ޢާއްމު ފަރުދުންނަށް ލިބިފައި ނުވާތީއެވެ.

މިއީ މިޒަމާނުގެ ތާރީޚުގައިވެސް ބަޔަކު ފޮތެއް މަނާކުރަން ދެއްކި އެންމެ ހެއްވާ އަދި ހަމަނުޖެހޭ ސަބަބެވެ.

ފޮތް މަނާކުރިގޮތާއި އިނގިރޭސި ބަހާއި ބެހޭ:

ފޮތް މަނާކުރުމާބެހޭ އެއްވެސް ޤާނޫނެއް ދިވެހިރާއްޖޭގައި އޮތްކަމެއް އެނގިފައެއް ނެތެވެ. މަތީ މަޖިލީހުން ޢަމަލުކުރަނީ ކޮންމެވެސް ޤަވާޢިދަކާ އެއްގޮތަށް ކަމަށް ފެނެއެވެ. މިފޮތުގެ މައްސަލައާއި ބެހޭގޮތުން 25 މެއި 2008 ގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން މަތީ މަޖިލީހުގެ ނާއިބު ރައީސް ޝޭޚް ފާރޫޤް ވިދާޅުވީ މިހާރު ޢަމަލުކުރެވެމުންދާ ޤަވާޢިދުގެ ދަށުން ފޮތް މަނާކުރެވޭނެ ގޮތެއް ނެތްކަމުގައެވެ. އެއީ މިފޮތަކީ ދިވެހިރާއްޖޭގައި ޝާއިޢު ކުރެވުނު ފޮތަކަށް ނުވާތީއާއި ރާއްޖޭގައި ވިއްކާ ނުވަތަ ހިލޭ ބަހާ ފޮތަކަށް ނުވާތީއެވެ. މިއީ މަތީ މަޖިލީހުގެ ގިނަ މެމްބަރުންގެ ޚިޔާލު ހުރިގޮތް ކަމުގައި ފެނެއެވެ.

އެހެނަސް ބޮޑަށް ލަފާ ކުރެވޭ ގޮތުގައި ގޮނޑިކޮއްކޮއެއްގެ ގޮތުގައި ޢުމަރު ނަޞީރު ނެރެގެން އުޅޭ ފަރާތްތަކުން ދެވަނަ ފަހަރަށް މަތީ މަޖިލީހަށް ފޮތް ހުށަހެޅުމަށް އޭނާއަށް އެންގީއެވެ. އޭނާ މަތީ މަޖިލީހަށް ފޮތް “ހިލޭ” ހަދިޔާކުރީއެވެ. އަދި އޭނާ ދަޢުވާ ކުރަނީ އެފޮތަކީ މީހަކު އޭނާއަށް “ހިލޭ” ހަދިޔާކުރި އެއްޗެއް ކަމުގައެވެ. ފޮތް މިގޮތަށް “ހިލޭ” އެއްއަތުން އަނެއް އަތަށް ބަދަލުވާކަން ދެއްކުމުގެ ބޭނުމަކީ، ހިލޭ ބަހާ ފޮތެއް ނޫނީ މަނާކުރެވޭނޭ ޤަވާޢިދެއް ނެތް ކަމުގައި ޝޭޚް ފާރޫޤު ވިދާޅުވެފައިވާތީ އެގޮޅިއަށް ފޮތް ފެއްތުމެވެ. މިހިސާބަށް ކަންތައް އައިއިރު ލަފާކުރެވޭ ގޮތުގައި މައުމޫނު ޢަބްދުލް ޤައްޔޫމާއި އޭނާއަށް އަބަދުމެ ވަފާތެރި ޝޭޚް ރަޝީދު ތިއްބެވީ ރިޔާސީ ކެންޑިޓޭޓް ޑޮކްޓަރ ޙަސަން ސަޢީދަށް ޙަމަލާއެއް ދެއްވުމުގެ ގޮތުން ފޮތް މަނާކުރުމަށް ތައްޔާރަށެވެ. އެއީ މިހާރު ޢަމަލުކުރެވެމުންދާ ޤަވާޢިދުތައް އެކަމަށް ތަންދިނަސް ނުވަތަ ނުދިނަސް ވެހެވެ. މިނިންމުމުގެ ދެކޮޅުނުޖެހޭކަން ވިސްނޭތީ، މަތީ މަޖިލީހުގެ ގިނަ މެމްބަރުން މިފޮތް މަނާކުރުމުގައި ސީދާ ގޮތުން ބައިވެރިވެވަޑައިނުގަންނަވާކަމަށް ނުވަތަ އެކަމަށް މާބޮޑު ޝައުޤުވެރިކަމެއް ނުދެއްވާ ކަމަށް ޤަބޫލުކުރެވެއެވެ.

އިނގިރޭސި ބަސް:

ޢިލްމީ ބަޔަކަށް އަމާޒުކޮށްގެން އިނގިރޭސި ބަހުން ލިޔެވިފައި އޮތް ފޮތެއް ކިޔައި ފަހުމުވާނޭ ފެންވަރު މަތީ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުރި ކަމަކަށް ނުފެނެއެވެ. އެބޭފުޅުން ކިޔަވާވިދާޅުވީ ޢަރަބިބަހުން ކަމަށްވާތީ އެބޭފުޅުންނަށް އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗެތި ފަހުމުވެވަޑައިނުގަތުން އެއީ މައްސަލައެއް ނޫނެވެ. އިނގިރޭސި ދެނެވަޑައިނުގަންނަވާ ކިތަންމެ އިސްލާމީ ޢިލްމުވެރިންނެއް އެބަތިއްބެވިއެވެ. އެކަމަކު މަތީ މަޖިލީހުން ފޮތެއް މަނާކުރަންޏާ، އެފޮތް “އިސްލާމީ އުޞޫލުތަކާއި” ޚިލާފުވޭތޯ ބެއްލެވުމަށްޓަކައި އެންމެ ކުޑަމިނުން އެމަޖިލީހުގައި ތިއްބެވި އިސްބޭފުޅުން އެފޮތެއް ވިދާޅުވާން ވާނެއެވެ. (އެހެންނޫނިއްޔާ ދިވެހި ނުވަތަ ޢަރަބި ބަހަށް ތަރުޖަމާ ކުރުވައިގެން ވިދާޅުވާން ވާނެއެވެ.) ލިބިފައިވާ މަޢުލޫމާތަށް ބުރަވެ ބުނެވޭނީ، މިފޮތް ކިޔައި އޭގައިވާ އެއްޗެއް މަތީ މަޖިލީހުގެ މެމްބަރުންނަށް ބުނެދޭން އެމަޖިލީހުން ޙަވާލުކުރީ ޖީސީއީ އޯ ލެވެލް ނުވަތަ އޭ ލެވެލްގެ ފެންވަރު ހުރި މުވައްޒަފަކާއެވެ. ހަމަ އެކަނި ޖީސީއީ އޯ ލެވެލްގެ ފެންވަރަށް ކިޔަވައިގެން، އިސްލާމީ އުޞޫލުތަކާއި، އިޞްޠިލާޙުތަކާއި، މަފްހޫމުތަކުގެ ޢިލްމެއް އެއްވެސް ވަރަކަށް ނުލިބި ހުރި ޒުވާން ކުއްޖަކަށް މިފޮތުގައި ބަޙުސްކޮށްފައި ހުރި އެއްޗެއް ރަނގަޅަށް ފަހުމުވާނީ ކިހިނަކުން ހެއްޔެވެ؟

މިއީ “އެންމެ މަތީ މަޖިލީހޭ” މިކިޔޭ މަޖިލީހުން، މިފަދަ މުހިއްމު ދީނީ މައްސަލައަކާއި ބެހޭގޮތުން ކުރެވިފައި އޮތް އެކަޑެމިކް މަސައްކަތަކާމެދު ފިޔަވަޅު އެޅޭނެ އެންމެ ހަޑިހުތުރު އެއް ގޮތެވެ. މަތީ މަޖިލީހުގެ މެމްބަރުންނަށް ފޮތް ފަހުމުވާ ވަރަށް ބަހުގެ ހުނަރު ލިބިވަޑައިގެންފައި ނުވާނަމަ، އެބޭފުޅުން ޖެހެނީ މަޝްހޫރު ޢިލްމުވެރިއަކާ ނުވަތަ ނުވަތަ ޢިލްމުވެރި ދެބޭފުޅަކާ ނަމަވެސް ފޮތް ޙަވާލުކުރައްވައިގެން ފޮތް ކިއުއްވައި ތަޙުލީލީ ނަޒަރަކުން ބެއްލެވުމަށް ފަހު ފޮތް ޚިލާފުވަނީ އިސްލާމީ ކޮން އުޞޫލަކާތޯ ފާހަގަ ކުރެއްވުމަށް ދަންނަވާށެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިފަދަ ރިޕޯޓެއް ނުވަތަ ތަޙްލީލެއް އަދި ނެތެވެ.

އިސްލާމީ އުޞޫލުތައް ކީއްކުރަންތޯ، އިސްލާމްދީނުގެ އަސާސީ ކަންތައްވެސް ފަހުމުނުވާ، ޢިލްމީ ނަޒަކުން ބަލާއިރު ކިރިޔާ ލިޔަންކިޔަން އެނގޭ ޢުމަރު ނަޞީރާއި އެއް ފެންވަރުގެ ދަށު ދަރަޖައަކަށް މަތީ މަޖިލީސް މިވަނީ ވެއްޓިފައެވެ. އެއް ނަޒަރަކުން ބަލާއިރު ޢުމަރު ނަޞީރާއި މަތީ މަޖިލީހުގެ ޚިޔާލު މުޅިން އެއްގޮތެވެ. ދެފަރާތުންވެސް ގެންގުޅެނީ ނުބައި މަޢުލޫމާތުގެ މައްޗަށް ބިނާވެފައިވާ، ހަމަނުޖެހޭ، އިސްލާމީ ޢިލްމީ ހޯދުންތަކާއި އެ ހޯދުންތައް ހޯދޭގޮތް އެއްގޮތަކަށްވެސް ބަލަން ބޭނުންނުވާ ޚިޔާލެކެވެ.

މިހާ ހިސާބުން މަތީ މަޖިލީހުގެ ނިންމުން ދޫކޮށްލާ، މިފޮތުގެ މައްސަލައާއި ގުޅިގެން ދިވެހިންގެ ތެރޭގައި މިހާރު އެނބުރޭ ބައެއް ޚިޔާލުތަކަށް ބަލައިލަމާތޯއެވެ.

ބައެއް ފަރާތްތަކުން ދަޢުވާ ކުރާ ގޮތުގައި ފޮތުގެ މުޞައްނިފުން މުރުތައްދުވުމާ އެކަމުގެ އަދަބާއި މެދު ބަޙުސުކުރެއްވިކަމަށްޓަކައި އެބޭފުޅުން މިހާރު ތިއްބަވާނީ މުރުތައްދު ވެފައެވެ.

މިއީ މިކަމާ ގުޅިގެން ދެކެވޭ އެންމެ ތާކުންތާކު ނުޖެހޭ ވާހަކައެވެ. ކަން އޮތީ މިހެންކަމުގައި ވަންޏާ، މިހާތަނަށް މިމައްސަލައިގައި ބަޙުސްކުރައްވައި، ދިރާސާކުރައްވައި، އަދި ބައެއްފަހަރު އެކުވެރި ބޭފުޅުންނާއި ޚިޔާލުތަފާތުވެ ވަޑައިގެންފައިވާ މުސްލިމް ޢިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާއި، (އިމާމް ޝާފިޢީ، އިމާމް މާލިކް، އިމާމް އަބޫޙަނީފާ އަދި އިމާމް އަޙްމަދު ބްނު ޙަންބަލް) އަދި އެތައްހާސް ދަންނަބޭކަލުން ވެސް ވާނީ މުރުތައްދުން ކަމުގައެވެ.

މަތީ މަޖިލީހަށް ނުވަތަ މިފޮތާއި މެދު ހިލިގެން އުޅޭ ބަޙުސްގެ ފަހަތުގައިވާ މީހުންނަށް އިމާމް ޝާފިޢީ، އިމާމް މާލިކް، އިމާމް އަބޫޙަނީފާ އަދި އިމާމް އަޙްމަދުފަދަ ބޭފުޅުންނާއި، މުރުތައްދުވުމުގެ މައްސަލަ ބަޙުސްކުރެއްވި އެހެން ބޭފުޅުންނަކީ މުރަތައްދުން ކަމަށް ނިންމަން ކެރޭނެހެއްޔެވެ؟

ޕްރޮފެސަރ ޢަބްދުﷲ ސަޢީދު މިފޮތުގައި ޚިޔާލު ހުށަހަޅުއްވައި ތާއީދުކުރައްވާފައިވާ ގޮތަށް ތާއީދުކުރާ ހުރިހާ ފޮތެއް މަނާކުރަން ޖެހޭކަމަށް ދެކޭނަމަ، މަޝްހޫރު މުސްލިމް ޢިލްމުވެރިންގެ ފަތުވާތައްވެސް ހިމެނޭ އެފަދަ އެހެން ފޮތްތަކާއި ލިއުންތައް އެތެރެކުރުން މަތީ މަޖިލީހުން ހުއްދަކުރީ ކީއްވެހެއްޔެވެ؟

ޕްރޮފެސަރ ހާޝިމް ކަމާލީގެ ފްރީޑަމް އޮފް އެކްސްޕްރެޝަން އިން އިސްލާމް (އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން) މިފޮތުގައި ވަނީ ހަމަ ޕްރޮފެސަރ ސަޢީދު ވިދާޅުވި ވާހަކައެވެ. އާދެ! މުރުތައްދުވުމަށް މިދުނިޔޭގައި މަރުގެ އަދަބެއް ކަނޑައެޅިފައި ނުވާ ވާހަކައެވެ. މިފޮތް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މަތީ މަޖިލީހުން ދިނީ ކީއްވެހެއްޔެވެ؟ އަނެއްކޮޅުން ބަލާއިރު، މުރުތައްދުވުމާއިމެދު އޭނާ ގެންގުޅުއްވާ މިޚިޔާލާއި އެކުވެސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ވަނީ މިހާރު ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު އަސާސީއާއި ބެހޭ ގޮތުން ލަފާ ދެއްވާ ތަޖްރިބާކާރެއްގެ ގޮތުގައި، ޕްރޮފެސަރ ކަމާލީ ގެންނަވާފައެވެ.

ޢަޤީދާ “ބަލިކަށި” ދިވެހިން ދީން ދޫކޮށް ދިއުމަށް މިފޮތް ހިތްވަރުދޭ ކަމަށް ދަޢުވާކުރުން:

ޙަޤީޤަތުގައި އަޒްހަރުން ކިޔަވާވިދާޅުވެގެން ހުންނެވި ޝޭޚެއްކަމުގައިވާ މައުމޫނު ޢަބްދުލް ޤައްޔޫމާއި އަދި ހަމަ އެތަނުން ކިޔަވާވިދާޅުވި، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސުގެގޮތުގައި މައުމޫނު ޢައްޔަންކުރައްވާފައިވާ ޝޭޚް ރަޝީދުގެ ލޯފުޅުމަތިން ފާއިތުވި 30 އަހަރު އެތައް ދިވެހިންނެއް ވަނީ ދީނުގެ ޙުކުމްތަކަށް ޢަމަލުކުރުން ހުއްޓާލާފައެވެ. ނުވަތަ މުޅިން ދީން ދޫކޮށްލާފައެވެ. އެމީހުންނަށް ދީންދޫކުރަން ހިތްވަރުދިނީ މިފޮތެއް ނޫނެވެ. މިފޮތް ޝާއިޢުކުރެވުނީ 2004ވަނަ އަހަރު ކަމަށްވާތީއެވެ.

ފާއިތުވި 30 އަހަރު ވީ ކަންކަމަށް ބަލައިލަމާ ހިނގާށެވެ.

30 އަހަރު ކުރިން ދިވެހިންނަކީ ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކުރި މުސްލިމުންނެވެ. މަދު ބައެއް ފިޔަވައި ހުރިހާ ދިވެހިން ދީނުގެ ރުކުންތައް ފުރިހަމައަށް އަދާކުރިއެވެ. އެމީހުން ނަމާދުކޮށް، ރޯދަހިފައި، ޒަކާތްދިނެވެ. އަދި ކުޅަދާނަކަން ލިބިގެންވީ މީހުން ޙައްޖަށް ދިޔައެވެ. މިއަދު ގިނަ ދިވެހިން ވަނީ މިރުކުންތައް އަދާކުރުންވެސް ދޫކޮށްލާފައެވެ.

30 އަހަރު ކުރިން ދިވެހިރާއްޖޭގެ ކޮންމެ ގެއަކުންހެން މަޣްރިބު ނަމާދަށް ފަހު ކީރިތި ޤުރްއާން ކިޔަވާ އަޑު އިވުނެވެ. މިއަދު މިއަޑު އިވެނީ ވަރަށް މަދުންނެވެ. އޭގެ ބަދަލުގައި އެގަޑީގައި ގިނައިން އިވެނީ މިއުޒިކާއި ލަވައިގެ އަޑެވެ.

30 އަހަރު ކުރިން ހުރިހާ ރަށެއްގައިވެސް މީސްތަކުން ޤަވާޢިދުން މިސްކިތަށް ނަމާދަށް ގޮސް އުޅުނެވެ. މިއަދު މިކަން ކުރަނީ މަދު ބައެކެވެ. ފާއިތުވި 30 އަހަރު ދިވެހިރާއްޖޭގައި އުޅެފައިވާ ކޮންމެ މީހަކަށް މިކަން ފާހަގަވާނެއެވެ.

30 އަހަރު ކުރިން ދިވެހިން ރަމަޟާންމަހު ޤަވާޢިދުން ރޯދަހިފިއެވެ. މިއަދު ރޯދަނުހިފާ މީހުންވަނީ ފާހަގަވާވަރަށް މައްޗަށް ގޮސްފައެވެ.

ޙަޤީޤަތުގައި އެތައް ދިވެހިންނެއް ވަނީ އިސްލާމްދީން ދޫކޮށް އެހެން ދީންތައް ޚިޔާރުކޮށްފައެވެ. ފެންނަންހުރި ހެކިތަކުން އެނގޭ ގޮތުގައި ދިވެހިންގެ ތެރޭގައި މިއަދު ދީން ޤަބޫލުނުކުރާ މީހުންނާއި، ކްރިސްޓިއަނުންނާއި، އަދި ލަފާކުރެވޭގޮތުގައި، ހިންދޫންނާއި ބުޑިސްޓުންވެސް އެބަތިއްބެވެ.

ޒިންމާވާން ޖެހެނީ ކޮން ފަރާތެއް؟

މިކަމަށް ޒިންމާވާން ޖެހެނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާއި، މަތީ މަޖިލީހުގެ ވެރިއެއްގެ ޙައިސިއްޔަތުން ދިވެހިންނަށް އެބައިމީހުންގެ ދީން ދަސްކުރުމަށާއި، ދީނަށް އުޅުމަށް އެހީތެރިވުމުގައި ޝޭޚު ރަޝީދުގެ ނުކުޅެދުންތެރިކަމެވެ.

1980 އާއި 1990 ގެ އަހަރުތަކުގެ ތެރޭގައި އިސްލާމީ ޢިލްމުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ އެތައް ބޭފުޅުންނެއް ޖަލަށްލައި، އަނިޔާކޮށް، އަދަބުދިނީ މިސަރުކާރުންކަން ކިއުންތެރީނަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މުޙައްމަދު އިބްރާހީމް (ބޮޑު ޖަނާބް)، އަބޫބަކްރު (ކުޑަ ޖަނާބް) އަދި ޙުސައިން ރަޝީދުފަދަ އެތައް ޝޭހުންނަށް އަނިޔާކޮށް ޖަލަށްލީ މިސަރުކާރުންކަން އަޅުގަނޑުމެން ހަނދާން ނެތޭނެހެއްޔެވެ؟ ދިވެހި ކިޔަވާކުދިން އިންޑިޔާއާއި، ޕާކިސްތާނާއި، ސަޢޫދީ ޢަރަބިޔާގައި އިސްލާމީ ޢިލްމުގެ ރޮނގުން ތަޢުލީމު ޙާޞިލްކުރުން ހުއްޓުވުމަށް މައުމޫނު ޢަބްދުލްޤައްޔޫމާއި އޭނާގެ މިނިސްޓަރުން (ޝޭޚް ރަޝީދު ފަދަ) ކިތައް ފަހަރު މަސައްކަތް ކުރެއްވިހެއްޔެވެ؟ 1980 އަދި 1990 ގެ އަހަރުތަކުގެ ތެރޭގައި މިޝޭޚުންނަށް މިނިވަންކަމާއެކު ދިވެހިކުދިންނަށް އިސްލާމްދީން އުނގަންނައިދިނުމުގެ ފުރުޞަތު ދެވުނުނަމަ މިއަދު ދިވެހިރާއްޖެއަކީ މިއަށްވުރެ ރަނގަޅު ތަނަކަށް ވީހެވެ. އަދި އިސްލާމްދީނަށް ލޯބިކުރުމާއި އިޙްތިރާމްކުރުންމަތީ ބޮޑުވާ ދިވެހިންގެ ޖީލެއް އަޅުގަނޑުމެންނަށް ފެނުނީހެވެ. އެކަމަކު މައުމޫނާއި ޝޭޚް ރަޝީދު ގެންގުޅުއްވީ ގަސްތުގައި ދިވެހިން އަނދިރީގައި ބޭތިއްބުމުގެ ސިޔާސަތެކެވެ. މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ މިކަމުގެ ނަތީޖާއެވެ.

ބައެއް ޝޭޚުންގެ ތެރޭގައި އަދި ފަހުން އެބޭފުޅުންނަށް ތަބާވީ މީހުންގެ ތެރޭގައި އުފެދުނު ހަރުކަށިކަމާއި ޙައްދު ފަހަނައަޅައިދިއުމަކީ ސީދާ މައުމޫނާއި ޝޭޚް ރަޝީދުގެ ސިޔާސަތުގެ ނަތީޖާއެވެ. ޝޭޚް މުޙައްމަދު އިބްރާހީމް (ބޮޑު ޖަނާބް) ކިޔަވާވިދާޅުވެގެން ރާއްޖެ ވަޑައިގެންނެވިއިރު އޭނާއަކީ ހަރުކަށި ބޭފުޅެއް ނޫނެވެ. އޭނާ ހަރުކަށި ބޭފުޅަކަށްވީ މައުމޫނު އޭނާ ޖަލަށް ލައްވައި އަދަބުދެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޝޭޚް ފަރީދު ރާއްޖެ ވަޑައިގެންނެވިއިރު އޭނާއަކީވެސް ހަރުކަށި ބޭފުޅެއް ނޫނެވެ. އޭނާވެސް މިއަދު އެގޮތަށް ބަދަލުވެފައި އެހުންނެވީ ހަމަ މައުމޫނުގެ ސިފައިންގެ އަނިޔާގެ ސަބަބުންނެވެ. ޝޭޚް ރަޝީދުގެ އެއްބާރުލެއްވުމާއެކު މިބޭފުޅުންނާއި އަދި އެހެން ޝޭޚުންނަށް މައުމޫނުގެ ސަރުކާރުން ދެއްވި އަނިޔާއާއި އިހާނެތިކަން ކޮންމެ އިންސާނަކަށް ލިބުނަސް އޭނާ ހަރުކަށި މީހަކަށް ވާނެއެވެ.

އިސްލާމްދީނުގެ ޢިލްމު ސްކޫލްތަކުގައި ކިޔަވައިދެވިފައި ވަނީ ވަރަށް ދަށް ފެންވަރެއްގައެވެ. ގިނަ ފަހަރަށް ކަމުގެ އަސާސީ ހުނަރާއި ތަޖުރިބާ ނެތް މީހުން މެދުވެރިކޮށެވެ. (މިއީ ދިވެހި ޒުވާނުން އެމީހުންގެ ދީނާއި ދުރުކުރުމަށް ގަސްތުގައި ކުރެވުނު ކަމެކެވެ.) 1980 އަދި 1990ގެ އަހަރުތަކުގައި އަދި މިއަދުވެސް ދިވެހިރާއްޖޭގައި ކިޔަވައިދެވޭ ޓެކްސްޓް ފޮތްތައް ބައްލަވާށެވެ.

މައުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އިސްބޭފުޅުން ވަނީ ޢަމަލީގޮތުން ރާބުއިމަށް، އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރުދެއްވާފައެވެ. އޭނާގެ ސަރުކާރުގެ އެތައް މިނިސްޓަރުންނެއް ފާޅުގައި ރާފޮދު ހިއްޕަވާކަމީ އެންމެން ދަންނަ ކަމެކެވެ. އަދި އެތައް ބޭފުޅުންނެއް މަސްތުވާތަކެތި ބޭނުންކުރައްވައެވެ. ޙަޤީޤަތުގައި މީގެ ތެރެއިން ބައެއް ބޭފުޅުންނީ މައުމޫނާއިއެކު އަޒްހަރުގައި ކިޔަވާވިދާޅުވި ބޭފުޅުންނެވެ. ރައީސުކަން ލިބިވަޑައިގަތުމުގެ ކުރިން މައުމޫނު ރާވިއްކުމާއި ބުއިން ޙަރާމްކަމަށް ފަތުވާ ނެރުއްވި ނަމަވެސް، އޭނާގެ ވެރިކަމުގައި ރާއާއި މަސްތުވާތަކެތި ބޭނުންކުރެއްވި މިނިސްޓަރުންނާއި އިސްބޭފުޅުންނާއި ދެކޮޅަށް ފިޔަވަޅެއް ނުއަޅުއްވައެވެ. ރާއްޖެއަށް އެންމެ ފުރަތަމަ މަސްތުވާތަކެތި އެތެރެކުރެއްވީވެސް އެބޭފުޅުންކަމަށް ވުން ވަރަށް އެކަށީގެން ވެއެވެ. މިހާރު އަޅުގަޑުމެންގެ ކުރިމަތީގައި މިވާ ޙަޤީޤަތަކީ މިއީއެވެ. ދިވެހިންގެ އެއް ޖީލު މިވަނީ، ރާއާއި މަސްތުވާތަކެތި ބޭނުންކުރާ އަދި ދީނާއި ދުރަށް ގޮސް، ދީނަށް އެއްވެސް އިޙްތިރާމެއް ނުކުރާ ބައެއްގެ ގޮތުގައި ބޮޑުވެފައެވެ.

ދީނީ ހަރުކަށިކަމާއި ޙައްދުފަހަނައަޅައިދިއުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖޭގައި އޮތް ޞުލްޙަވެރިކަމާއިއެކު ދީނީ ޝިޢާރު ފާޅުކުރުން މިހާރު ވަނީ ގާތްގަނޑަކަށް ނެތިގޮސްފައެވެ. އޭގެ ބަދަލުގައި މިހާރު އަޅުގަނޑުމެންނަށް ފެންނަނީ، ސަރުކާރުގެ ވެރިކަން ޞައްޙަކަން ޤަބޫލުނުކުރާ، ސަރުކާރުގެ މިސްކިތްތަކަށް ނަމާދަށް ނުދާ، އަމިއްލައަށް ހަދައިގެން އުޅޭ ތަންތަނުގައި ނަމާދުކުރާ، އަނެކުންނީ މުސްލިމުންކަމުގައި ޤަބޫލުނުކުރާ، އަދި ހަރުކަށި ޢަމަލުތަކުގައި ބައިވެރިވުމަށްވެސް ތައްޔާރަށް ތިބި ބަޔަކު ފާޅުވެގެން އުޅޭތަނެވެ.

ހަށިވިއްކުމާ މީހުންމެރުން ފަދަ ހުރިހާ ޖަރީމާތަކެއް ޢާއްމުވެ، މީގެ ވިއްސަކަށް އަހަރު ކުރިން ދިވެހިންނަށް ލިބެމުން އައި ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއި އަމާންކަން މިހާރުވަނީ ގެއްލިގެން ގޮސްފައެވެ.

މިހުރިހާ ކަމެއް ހިނގައި ދިޔައިރު މަތީ މަޖިލިސް އޮތީ ކޮންތާނކު ހެއްޔެވެ؟ މިއީ ދިވެހިރާއްޖޭގައި އިސްލާމްދީން “ރައްކާތެރި” ކުރާނެކަމަށް ބެލެވުނު މަޖިލީހެވެ. ފެށުނީއްސުރެ މަތީ މަޖިލީސް އައީ ދިވެހިރާއްޖޭގައި އިސްލާމްދީން ހަލާކުކޮށްލުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވަމުންނެވެ. ނަތީޖާ މިއޮތީ ހުރިހާ ދިވެހިންގެ ކުރިމަތީގައި ފެންނާށެވެ.

އިތުރު ބަޔާން:

ސުފްޔާން އައްޘަޥްރީ: އެއީ އަބޫ ޢަބްދުﷲ ސުފްޔާން ބްނު ސަޢީދު އައްޘަޥްރީ އެވެ. އުފަންވެ ވަޑައިގަތީ ހިޖްރައިން 97 ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނަކީ މަޝްހޫރު މުޙައްދިޘެކެވެ. އާދެ! ޙަދީޘު ރިވާކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު 600 ބޭފުޅުންގެ އަރިއަހުން ޙަދީޘު ދަސްކުރެއްވިއިރު، އެކަލޭގެފާނުގެ އަރިއަހުން ރިވާކުރެއްވި ބޭފުޅުންގެ ޢަދަދު 20 ހާހަށް އަރާކަމުގައި ވެއެވެ. އެކަލޭގެފާނު ޙަދީޘު ޢިލްމުގައި ހޯއްދަވާފައިވާ މަޤާމުގެ ސަބަބުން ޙަދީޘު ޢިލްމުގެ އަމީރުލްމުއުމިނީންގެ ލަޤަބު ލިބިވަޑައިގެންފައި ވެއެވެ. އެކަލޭގެފާނު އަވަހާރަވީ ޢުމުރުފުޅުން 64 އަހަރުގައި ހިޖްރައިން 161 ވަނަ އަހަރުއެވެ.

މުރުތައްދުވުން: މުރުތައްދުވުމަކީ މުސްލިމެއްގެ ގޮތުގައި ހުރެފައި އިސްލާމްދީން ދޫކޮށް ކާފިރަކަށް ވުމެވެ. ބުނެވޭ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުމަކުންވެސް މީހާ މުރަތައްދުވެދާނެ ކަމަށް ބައެއް ދަންނަ ބޭކަލުން ބައްލަވައެވެ.

މުތަވާތިރު: ޙަދީޘު ޢިލްމުގައި މުތަވާތިރަކީ ދޮގެއް ހަދަން އެއްބަސްވެވޭ ވަރަށް ވުރެ ގިނަ މީހުން ރިވާކޮށްފައިވާ ޙަދީޘެވެ.

އާޙާދް: އާޙާދް ޙަދީޘަކީ މުތަވާތިރުގެ ދަރަޖަ ލިބޭވަރަށް ވުރެ މަދު މީހުން ރިވާކޮށްފައިވާ ޙަދީޘެވެ. މީގެ ތެރެއިން އެކަކު ރިވާކޮށްފައިވާ ޙަދީޘަށް ކިޔަނީ ޣަރީބް ޙަދީޘެވެ. ދެމީހުން ރިވާކޮށްފައިވާ ޙަދީޘަކީ ޢަޒީޒް ޙަދީޘެވެ. ތިން މީހުން ނުވަތަ އެއަށް ވުރެ ގިނަ މީހުން ރިވާކޮށްފައިވާ ޙަދީޘަކީ މަޝްހޫރު ޙަދީޘެވެ.

އުޞޫލުލްފިޤްހް: މިއީ ލިބިފައިވާ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ޝަރުޢީ ޙުކުމްތައް ނަގާނެ ގޮތް ކަނޑައަޅާ ޤަވާޢިދުތަކުގެ ޢިލްމެވެ.

އިޖްމާޢު: އިޖްމާޢުގެ އެންމެ ޢާއްމު މާނައަށް ބަލާއިރު އެއީ އެއް ދުވަސްވަރެއްގެ ދަންނަބޭކަލުން ޝަރުޢީ ޙުކުމަކާއި މެދު އެއްގޮތަކަށް އެއްބަސްވެ ވަޑައިގަތުމެވެ.

އިޖްތިހާދު: އިޖްތިހާދަކީ ކަނޑައެޅިގެން ޝަރުޢީ ޙުކުމް އެނގެން ނެތް ކަމެއްގައި ލިބެން ހުރި ދަލީލުތަކުގެ މައްޗަށް ބުރަވެ ޙުކުމެއް ކަނޑައަޅަން މަސައްކަތް ކުރުމެވެ. މިކަން ކުރާ މީހާއަކީ މުޖްތަހިދެވެ. މުޖްތަހިދަކީ ކީރިތި ޤުރްއާނު ރަނގަޅަށް ދަންނަ، ޤުރްއާނުގެ މަންސޫޚުވެފައިވާ އާޔަތްތައް ދަންނަ، ޙަދީޘުގެ ޞަޙީޙާއި ޟަޢީފު ދަންނަ، ޢަރަބި ބަސް ރަނގަޅަށް ދަންނަ މީހަކަށް ވާންޖެހެއެވެ.

Related Posts

6 Responses to “ޕްރޮފެސަރ ޢަބްދުﷲ ސަޢީދާއި ޑޮކްޓަރ ޙަސަން ސަޢީދު ލިއުއްވާފައިވާ ފޮތް ސިޔާސީ މަޤްޞަދަކަށްޓަކައި މަނާކުރުމާއި ބެހޭގޮތުން އަޅުގަނޑުމެން ދިވެހިން ކޮންމެހެން ދެނެގަންނަން ޖެހޭ ޙަޤީޤަތްތައް”

  1. ޙަޤީޤަތުގައި ވަރަށް މަދު ޤައުމެއް ފިޔަވައި، އެއްވެސް އިސްލާމީ ޤައުމެއްގައި (ދިވެހިރާއްޖެވެސް މީގެ ތެރޭގައި ހިމެނޭ) މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ނުދެއެވެ. މިއަދުގެ މުސްލިމުންނަށް އެއީ މާބޮޑު މައްސަލައެއް ނޫނެވެ. މިއީ އިސްލާމް ދީންގައި ގާއިމް ކުރަންޖެހޭ ހުކުމަކަށް ވަންޏާ ކީއްވެތޯ މިހުކުމް ދިވެހި ރާއްޖޭގައި ގާއިމް ނުކުރަނީ. މިކަމުގެ ޒިންމާ ކާކުތޯ ނަގާނީ. ހަމަ ގައިމުވެސް ރައީސް މައުމޫނާއި ޝޭހް ރަޝީދު ޖެހޭނެ އޭގެ ޒިންމާ ނަގަން. ދެން ސުވާލަކީ ދެން ސުވާލަކީ އެހުކުމް ރާއްޖޭގައި ތަންފީޒް ނުކުރަނ ކާކުގެ ވެރިކަމެއްގަތޯ؟ އިސްލާމް ދީނުގެ ހުކުމެއް ތަންފީޒް ނުކުރާ މީހާއަށް އޮތީ ކޮން ހުކުމެއްތޯ؟ އެހުކުމް ރާއްޖޭގައި ތަންފީޒް ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ ކޮންފަރާތަކުންތޯ؟ އެހުކުމް އެއޮތްގޮތަށް އޮއްވަ މިތަނުގަ އަމިއްލަ ހުކުމެއް ގާއިމް ކުރީ ކާކުތޯ؟ އަމިއްލައަށް އެހުކުމް ގާއިމް ކުރިމީހައަށް އޮތީ ކޮން ހުކުމެއްތޯ؟ ﷲ ގެ ހުކުމެއް ބަދަލުކުރި މީހަކަށް މަރުގެ އަދަބު ދެވިދާނެތޯ؟ ލިޔުންތެރިޔާ ލިޔެފަވާލެއް ވަރަށް ފުރިހަމަ. ހިތުގެ އުފެދެމުން އައި ގިނަ ސުވާލުތަކަށް ލިޔުން ކިޔަމުން އައިއިރު އައީ ޖަވާބު ލިބެމުން. ނަމަވެސް ލިޔެފަ ވަނީ އެންމެ ރަގަޅު އެއްޗެއްކަމާމެދު ސުވާލުއުފެދޭ. އެހެނީ މިކަމުގައި ދެވަނަ ވިސްނުން ގެންގުޅޭ ފަރާތްތަކުން މިފޮތުގައި ހިމެނޭ އިސްލާމީ އުސޫލުތަކާ ޚިލާފު ކަންތައްތަކަކީ ކޮބައިކަން ބުނެދީފައި ނުވާތީ. މިއީ އެފަރާތްތަށް ޒިންމާދާރު ނުވީމަ ވީގޮއި. ” ނައިންޓެ”

  2. ވަރަށް ފުރިހަމަ މަޒްމޫނެކެވެ. މިވަރުން ޝޭޚުބެއަށް އެއްޗެއް ވިސްނޭނެ ކަމަށް ފެނެއެވެ. ލަދެއް ހަޔާޔެއް ހުރިނަމަ އިނގިރޭސި ބަސް ނޭންގުނަސް ޝޭޚް އޭނާގެ ބަސް އަނބުރާ ގެންދަވާ އިއުލާން ބާތިލުކުރައްވާނެއެވެ. ނަމަވެސް އެކަން ކުރާނީވެސް ގޮތެއް ފޮތެއް ހުރިނަމަ ތާއެވެ.

  3. Webster Dictionary defines Apostasy as renunciation, rejecting or disowning, of a religious faith. So when talking about apostasy in Islam, this means a muslim rejecting his islamic belief. If he disowns Islam, then he will either be a non-believer or an atheist.

    Now what does GOD have to say about this? He says in the Holy Quran, Surah Al Baqara, Verse 258 that THERE IS NO COMPULSION IN RELIGION (see verse below)

    [2:256] There shall be no compulsion in religion: the right way is now distinct from the wrong way. Anyone who denounces the devil and believes in GOD has grasped the strongest bond; one that never breaks. GOD is Hearer, Omniscient.

    If GOD wanted the apostates to be killed by behading, stoning, shooting, electrocuting or hanging, he would have clearly stated so.

    Regarding his acceptance one faith, he says in the Holy Quran, Surah Al-Imran, Verse 19only that ISLAM is the only religion that is acceptable by him. (see verse below)

    [3:19] The only religion approved by GOD is ISLAM. Ironically, those who have received the scripture are the ones who dispute this fact, despite the knowledge they have received, due to jealousy. For such rejectors of GOD’s revelations, GOD is most strict in reckoning.

    So the rejectors of faith, ISLAM, will be dealt with by GOD in the day of resurrection as he so wills, and he does not need us; Supreme Council of Islam or Umar Naseer to deal with those. Ones religion or belief in religion is something between one and GOD, not something between you ane myself!

    You all are using ISLAM, GOD’s true religion as a weapon to achieve your political goals, which I am sure is worse or parallel to apostasy - true faith is the issue here!

  4. ބުރުގާ އެޅުމާ ބެހޭ ގޮތުން މައުމޫނު ދިވެހި ބަހުން ލިޔެފައިވާ ފޮތް މަނާ ކުރމަށް މަތީ މަޖިލީހަށް ގޮވާލްން! މިިކަން ނުކުރެވެންޏާ މަޖިލިސް އުވާލާ!

  5. މަތީ މަޖުލިހަކީ އެއްވެސް ތަނެއްނޫން މިހާރު ކިތަންމެ ވަރަކަށް އެފޮތް މަނާ ކުރިއަސް އަހަރުމެން ގެންގުޅޭނަން. ކޮން ހައިސިއްޔަތަކުންތޯ؟ ކޮން ގާނޫނަކުންތޯ މަތީ މަޖިލިހުން އެފޮތް މަނާކުރީ؟

  6. FREEDOM OF RELIGION, PLEASE!

    In the Name of God, the Most Gracious, the Dispenser of Grace!

    Article 9 of the proposed (as of June 2008) Constitution of the Republic of Maldives states that only an adherent of Islam – a Muslim – can be or become a citizen of the country. The said Article categorically denies any possibility of a non-Muslim being a citizen of the country. This means that a Maldivian citizen cannot believe in, follow, profess, or preach another religion within the confines and the jurisdiction of Maldivian law. If he/she does so, he is no more a Maldivian citizen, and he/she is subject to whatever consequences that the lawmakers will (or might never) decide on in the future! There is no need to explain how this Article of the Maldivian Constitution constitutes a blatant and straightforward denial of the freedom of religion. It is only too clear!

    While some people have voiced out their criticism of this constitutional statement of a “No Muslim, No Maldivian” ideology (with varied intentions and objectives), others have vehemently defended it (also, with varied intentions and objectives). And it seems to me to be a pathetic, shameful, and impractical attempt to dictate over people’s conscience - something that tyrants and despots in gone-by eras have always attempted but none in the history of mankind ever succeeded at!

    This is a very sensitive matter that needs to be handled with utmost prudence and attention, given the complexity of the issue and its multi-dimensional scope of socio-political relevance. We ought to deal with the matter very carefully and honestly. In any case, the truth cannot be simply ignored for the sake of vested interests and political objectives. What is true and right cannot be sacrificed in order to be “politically correct” (though that is a basic rule in the devilish New World Order of modern times)! The truth should be upheld at all costs - for a nation’s true and real dignity lies there and not anywhere else!

    God’s Decision

    Some people would have us believe that the concept and practical application of the golden principles of freedom of religion (like other human rights) are achievements of human intuitive endeavors. Some say that this freedom was first proclaimed by the Universal Declaration of Human Rights. Also, many people tend to consider it as a concept that is contradictory with Islamic ideals. They think that speaking about freedom of religion is tantamount to speaking against Islam, or at least speaking in a tongue unintelligible to Islam.

    However, the truth in this matter is seen in a totally different picture. As a matter of fact, the Noble Qur’an - the uncreated Word of God Almighty - is one of the oldest known proclaimer of the idea and underlying principles of freedom of religion and conscience. The Noble Qur’an has stated the concession of this freedom in crystal-clear terms at a time when this idea was most strange to theological circles and academic sittings of men! As such, it is not an achievement of man’s intellectual development and maturity. It is not the fruit of any philosophical endeavors on the part of man. It is a God-given freedom! It is God’s decision to give His people this freedom!

    God says in the Noble Qur’an: “THERE SHALL BE no coercion in matters of faith. Distinct has now become the right way from [the way of] error: hence, he who rejects the powers of evil and believes in God has indeed taken hold of a support most unfailing, which shall never give way.” - Surah al-Baqarah: 256 (Trns. by Muhammad Asad). In another place, He says: “And say: “The truth [has now come] from your Sustainer: let, then, him who wills, believe in it, and let him who wills, reject it.” - Surah al-Kahf: 29 (Trns. by Muhammad Asad). These and other Qur’anic verses make it very clear that freedom of religion is a Qur’anic concept. However, since it will be a deviation from the topic, I will not go into details of how the principles of the concept are derived from these verses . Any sister or brother who needs further clarifications on this issue can refer to the writings of good Islamic scholars (like Muhammad Asad or Charles Le Gai Eaton). In any case, these verses are extremely clear and self-explanatory, and there is no need to rack your brain to understand what they say!

    In accordance with the supreme divine plan with the race of men, God has granted every human being the freedom to choose whatever religion that might seem appropriate to him/her. This freedom includes in its ambit the liberty even to deny God! Having made that decision, God has shown men two pathways (the Najdain, to use a Qur’anic term) - the path of righteousness and the path of error. The one who chooses the path of righteousness does so to his own benefit, and the one who chooses the path of error does so to his own destruction.

    When God’s decision is communicated to us in clear terms, we ought to respect it and implement it. We should not change it and we can never improve on it. Only the very arrogant among men would have the guts to shout out that the laws of God should be repealed, reformed, or modified! Similarly, if a Law of God is, at any given moment, incompatible with a prevailing social, economic or political condition of any society, that implies a problem with the society in question. As such, the society must immediately strive to change and adapt to the Law of God, instead of foolishly trying to modify and improve on God’s Law!

    The Prophetic Example and Caliphal Precedents

    Muhammad – the Noble Messenger of God – obviously implemented the Qur’anic concept of freedom of religion with unprecedented and unsurpassed broadmindedness, tolerance, and mercy. The Prophetic State of Islam established in Madinah – the City of Light – was a multi-religious society by all means, and People of non-Qur’anic faiths could live there as fully-recognized and assimilated citizens. They could and did practice and preach their religions by all and every peaceful means; their religious institutions and sanctuaries were held in due honor, given ample protection, and accorded due respect; they were consulted in the government and they had their part to play in the social, economic, and political affaires of the State! If anyone wants proof of these statements, he/she can refer to the Constitution of Madinah (the Sahifah al-Madinah) and reliable biographies of the Noble Messenger (I would recommend to my readers the Life of Muhammad by Muhammad Hussain Hykal for one).

    The rightly-guided Caliphs of Islam recognized the basic freedom of religion in accordance with the Will of God and the explanatory example of God’s Noble Messenger! As an enlightening precedence, we could study the famous incident that happened immediately after the liberation of Jerusalem from the tyrannical