މައުމޫނުގެ ސަރުކާރުގެ ކުރިމަތީގައި ޓީޗަރުންނަކީ އެއްވެސް ބައެއްނޫނެވެ


Print Print E-Mail E-Mail

ޢަލީ ސުލެއިމާނު

ދިވެހި ޤައުމުގެ މުސްތަޤުބަލް ބައްޓަންކުރާ އެންމެ މުހިންމު މޭސްތިރިންނަކީ ޓީޗަރުންކަމާ މެދު ޝައްކެތްނެތެވެ. ދުނިޔޭގެ ތަރައްޤީވެ ކުރިއަރާފައިވާ ހުރިހާ ޤައުމެއްވެސް ކުރިއަރާފައިވަނީ ތަޢުލީމީ ނިޒާމުގެ ހަރުދަނާކަމުގެ މައްޗަށް ބިިނާކޮށެވެ. ޤައުމުގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށްޓަކައި މިދެންނެވި ޤައުމުތަކުން ބޭނުންކޮށްފައިވާ އެންމެ މުހިންމު ވަޞީލަތަކީ ޤައުމުގެ ދަރިންނަށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމެވެ. އޭގެ އެދެވޭ ނަތީޖާ މިއަދު ތަރައްޤީވެފައިވާ ޤައުމުތަކުން ފެންނަން އެބަހުއްޓެވެ.

ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއާއި، އެމަނިކުފާނުގެ ކެބިނެޓްގައި ތިއްބަވާ ގިނަ ބޭފުޅުންނަކީ ކޮންމެވެސް ދުވަސްވަރެއްގައި މުދައްރިސްކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އެހެންވީމާ، އެބޭފުޅުންނަށް މާރަނގަޅަށް ޓީޗަރުންގެ އިޙްސާސްތައް އެނގިވަޑައި ގަންނަވަނީ ތޯއްޗެވެ؟ ރައީސް މައުމޫން ރިޔާސީ 6 ވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަން މުޅި ރާއްޖޭގެ ހުރިހާ ގިންތިއެއްގެ މީހުންނާއި ބައްދަލުކުރައްވާ އެމީހުން ބޭނުންވާ ކަންތައްތައް ކޮށްދެއްވަމުން ގެންދެވިއިރު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލުނުކުރައްވައެވެ. އަޅުގަނޑުމެން ޓީޗަރުންތަކެއް އިސްނަގައިގެން އެއިރުވެސް މި އޮނިގަނޑެއްގެ ވާހަކަ ދައްކަން އެމަނިކުފާނާއި ބައްދަލުކުރަން މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް ރައީސް މައުމޫން އެފުރުޞަތެއް ނުދެއްވިއެވެ. ޤައުމު ބިނާކުރަން މަސައްކަތް ކުރާ މީހުންނާއި ބައްދަލުނުކުރައްވާ، އެމަނިކުފާނަށް މުހިންމުވީ ގިނަ ޢަދަދެއްގެ ކުށްވެރިންނާއި އެބައިމީހުންގެ އާއިލާތަކާއި ބައްދަލުކުރުމެވެ. 1200 އަށްވުރެ ގިނަ ކުށްވެރިން އިންތިޚާބަށްޓަކައި ދޫކޮށްލެއްވިއިރު ޓީޗަރުންގެ އަޑެއް ނޭއްސެވިއެވެ.

ހަމައެހެންމެ 2006 ވަނަ އަހަރު ރައީސް މައުމޫން ސަރުކާރުގެ ގިނަ ވުޒާރާތަކަށް ވަޑައިގެން އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރެއްވިއެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީއަށް ވަޑައި ނުގަންނަވައެވެ. އަދި ހަމައެހެންމެ އެޑިޔުކޭޝަން މިނިސްޓަރ 9 މަސްވަންދެން ރައީސަށް އެޕޮއިންޓްމެންޓެއް ނުލިބިގެން ކިޔޫގައި ހުންނަވާ ވާހަކަވެސް އަޑުއިވެއެވެ. ޤައުމުގެ ހިންގުމުގެ ހުރިހާ ކޮންޓްރޯލެއް އޮންނަނީ މައުމޫނުގެ ގޮއްމުށުގެ ތެރޭގައި ކަމަށްވެފައި ގިނަ ވަޒީރުންނަކީ އެމަނިކުފާނުގެ ޕަޕެޓުންނަށްވީއިރު، 9 މަސްވަންދެން އެޕޮއިންޓްމެންޓެއް ނުލިބޭ ވަޒީރަކު ހިނގަވާ ވުޒާރާއެއްގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނޭ މިންވަރު އިޙްސާސްކުރެވެއެވެ. މިއަދު ޓީޗަރުން ކުރަންޖެހޭ ޝަކުވާތަކުގެ އަޞްލަކީ މިއީއެވެ. އެޑިޔުކޭޝަން މިނިސްޓްރީއެއްވެސް ހުރެއެވެ. ބަޖެޓްވެސް ދެއްވައެވެ. ވަރުވަރުގެ ވެރިންވެސް ތިއްބަވައެވެ. ދެން އެވީ ނޫންތޯއެވެ؟ އެތަނުން ނެރެވެނީ ކޮން ނަތީޖާއެއްތޯ ބެއްލެވީ ކާކުތޯއެވެ؟

1997 ވަނަ އަހަރު ފަރުތަމަ ފަހަރަށް ރާއްޖޭގައި އިނގިރޭސި މީޑިއަމްއަށް ސެކަންޑަރީ ޓީޗަރުން ތަމްރީނުކުރަން ފެށުމެވެ. އެކޯހުގައި ކިޔަވައިދެއްވި ގިނަ ލެކްޗަރަރއިންނަކީ އޮސްޓްރޭލިޔާ، އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ބޭފުޅުންނެވެ. ނަތީޖާއެއްގެ ގޮތުން ޑިޕްލޮމާ އޮފް ސެކަންޑަރީ ޓީޗަރުންގެ ފުރަތަަމަ 3 ބުރުގެ ޓީޗަރުންނަކީ މޮޅު، ހުނަރުވެރި އަދި ޤާބިލް ޓީޗަރުންނެވެ.  މިހާރު ސްކޫލްތަކުގައި މަސައްކަތްކުރާ ނަން މަޝްހޫރު ބައެއް ޓީޗަރުންނަކީ މިދެންނެވި ޓީޗަރުންނެވެ. މޮޅު ޓީޗަރުންތަކެއް އުފެއްދިއްޖެނަމަ ރަނގަޅު ތަޢުލީމެއް މުޅި ރާއްޖެއަށް ޢާންމުވެދާނެތީ، އަވަސްއަވަހަށް މިދެންނެވި ލެކްޗަރަރއިން ފޮނުވާލީ ކިޔަވައިދިނުމުގެ އެއްވެސް ތަޖުރިބާ އެއްނެތް ދިވެހިންގެ އަތްމައްޗަށެވެ. މަތީޖާއެއްގެ ގޮތުން ޑިޕްލަމާ ނިންމާ އެއްވެސް ފެންވަރެއްނެތް ގިނަ ޢަދަދެއްގެ ޓީޗަރުންނަށް ކުރަމުން އައި އިޚްތިރާމާއި ޤަދަރަށްވެސް މިދެންނެވިފަދަ ނާޤާބިލް ޓީޗަރުންގެ ސަބަބުން ހިޔަނި އެޅިގެން ދިޔައެވެ. މި ޓީޗަރުން ނާގާބިލްވީ އެއްވެސް ޙާލެއްގައި އެމީހުންގެ މައްސަލައެއް ނޫނެވެ. އެއީ އެމީހުންނަށްޓަކައި ހިންގޭ ކޯސްތަކުގެ ފެންވަރުގެ ސަބަބުންނެވެ. އިއްޔެގައި 25 މާލަމުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޑރ. ޢާމާލް ޢަލީ ޓީޗަރުންގެ ފެންވަރެއް ނެތް ވާހަަކައާއި، އަޚްލާގެއް ނެތް ވާހަކަ ވިދާޅުވިއިރު، އެކަމަނާއަށް އެނގިވަޑައި ނުގަންނަވަނީތޯ މިދެންނެވި ޙަޤީޤަތްތައް؟ އެކަމަނާ ދިފާއުކުރައްވާ މައުމޫންގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ޓީޗަރުން ރަނގަޅު ފެންވަރަކަށް ތަމްރީނު ނުކުރެވޭކަން އެނގިވަޑައި ނުގަންނަވަނީތޯއެވެ؟

އަދި ހަމަ އެހެންމެ، ރައީސްގެ މިހާރުގެ އެގްޒެކެޓިވް ސެކްރެޓަރީ ޑރ. އަޙުމަދު ޝަރީފް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން އަކަށް ހުންނަވައިގެން ހިންގާފައިވާ ތަޢުލީމީ ޖަރީމާތައް ގިނގުނައެވެ. ރާއްޖޭގައި ފެންވަރު ރަނގަޅު ޓީޗަރުން ތަމްރީނު ކުރާނެ ލޯކަލް ޓީޗަރުން ނެތްކަން އެގޭއިރުވެސް، ރާއްޖޭގައި އެކި ކަންކޮޅު ތަކުގައި ކެންފަސް ހަދާ ޓީޗިންގ ކޯސްތައް ހިންގަން ފެށީ ކީކޭ ހިތަށް އަރައިގެންތޯއެވެ؟ މިއަދު ޓީޗިން ފޯސްގައި ހިމެނޭ ގިނަ ދިވެހި ނަޞްލުގެ ޓީޗަރުންނަކީ މިދެންނެވި ފެންވަރެއްނެތް ކޯށްތަކުގެ ޝިކާރައެކެވެ. ތިމަންނާއޭ ޑީންއަކަށް ހުރެގެން އެންމެ ގިނަ ކޯސްތައްފެށީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ޓީޗަރަށް ވުމުގެ ފުރުޞަތު ހޯދައިދިނީމޭ ޝަރީފަށް ވިދާޅުވެވިދާނެއެވެ. ޓީޗަރުންގެ މުސްތަޤުބަލް ރަނގަޅު ކުރެވޭނީ ޓީޗަރުން ރަޖިސްޓްރީކުރާނެ ކައުންސިލްއެއް އުފެދި ޓީޗަރުންގެ ފެންވަރު ވަޒަންކުރަން ފެށި ދުވަހަކުންނެވެ. ނަރުހުންނާއި ޑޮކްޓަރުން ރެޖިސްރޭން ކައުންސިލްއެއް އޮތްއިރު އަދިވެސް ޓީޗަރުންގެ ކައުންސިލްއެއްނެތެވެ. މިހާރުވެސް ސްކޫލްތަކުގައި ބުރަކޮށް މަސައްކަތް ކުރާ ރަނގަޅު ނަތީޖާ ނެރޭ ޓީޗަރުން ތިބިއިރު އެމީހުންނަށްދެވޭ އެއްެވެސް އިތުރު އިނާޔަތެއް ނެތެވެ. ދިހަ ބާރަ އަހަރުވާންދެން ކިޔަވައިދޭން އުޅޭ ޓީޗަރަކާ މިއަދު ޑިޕްލަމާ ނިންމާ އެއްވެސް ތަޖުރިބާއެއް، ފެންވަރެއް ނެތް ޓީޗަރަކާ، ދެވޭ މުސާރައާއި އިނާޔަތުގައި މާބޮޑު ތަފާތެއް ނެތެވެ.

އަލަށް ސިސްޓަމަށްވައްދާ ޓީޗަރުންނަށް ރަނގަޅު އިންޑަކްޝަން ޕްރޮގްރާމެއް ނެތްއިރު، އެމީހުން ކްލާސްތަކަށް ގޮސް ކުރަނީ ކޮންކަމެއްތޯ ބެލޭނެ އިންތިޒާމެއްވެސް ނެތެވެ. ޓީޗަރުންނާއި ދޭތެރޭ ބައެއް ބެލެނިވެރިންނާއި، ކިޔަވައިކުދިން ވަރަށް އިހާނެތި ޢަމަލު ހިންގާއިރުވެސް އެޓީޗަރުންނަށް އެކަށީގެންވާ ސެކިއުރިޓީއެއް ނެތެވެ. ޚިދުމަތުގައި ތިބޭ ޓީޗަރުންނަށް ރަނގަޅު އިންސާވިސް ޕްރޮގްރާމްތަކެއް ނެތެވެ. ނަތީޖާ ނިކުންނައިރު ކުދިން ފާސްވާ ނިސްބަތަކީ %10 އެވެ. ފާސްނުވާ %90 ކުދިންގެ ޒިންމާ އުފުލަން ޖެހެނީ އެއްކަލަ ޓީޗަރުންނެވެ. އެމީހުންނަށް ރަނގަޅު ނަތީޖާ ނެރެވޭނީ އެމީހުންނަށްވެސް ރަނގަޅު ތަޢުލީމާއި، ހުނަރާއި، މަސައްކަތްކުރާނޭ ހިތްހަމަޖެހޭ ފަދަ މާހައުލަކާއި، ރަނގަޅު ވަސީލަތްތައް ފޯރުކޮށްދެވިގެންކަން ހަނދާނެއް ނުހުރެއެވެ. އެއްކަލަ ފެންވަރެއްނެތް އޯލެވެލް އަދި އޭލެވެލް ނިންމާ ކުދިން ޓީޗަރުންނަަށް ވީމާ، އެޓީޗަރުންގެ ހުންނާނީ ކޮންފެންވަރެއްތޯއެވެ؟ މިސާލަކަށް މިހެން ދައުރުވާތާ އެތައް އަހަރެއް ވީއެވެ. އޭގެ ހިތި ނަތީޖާ މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީއެވެ. ކިތަންމެ މޮޅު އޮނގަނޑެއް ހެދިއަސް އެ އޮނިގަނޑުން ކުރިއަށް ދެވޭނީ، ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާހުރި މޮޅު ޓީޗަރުންނަށެވެ. އެފުރުޞަތު ހުރިހާ ޓީޗަރުންނަށް ލިބެން ޖެހޭނެއެވެ. އަދި މިކަން ކުރުމަށްޓަކައި ސަރުކާރުން ނާޗަރަންގީ ކުޅެން ކުރާ ހޭދަކުޑަކޮށް، ފެކަލްޓީ އޮފް އެޑިއުކޭޝަނަށް އޯ.އީ.ސީ.ޑީ ޤައުމުތަކުން މޮޅެތި ލެކްޗަރާއިން ގެންނަން ނުވޭތޯއެވެ؟ ރާއްޖޭގެ ކެންފަސްތަކުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމް ހަލާކުކުރުމަށް ފެންވަރެއްނެތް އެތައް ޓީޗިންގ ކޯސްތަކެއް ފެއްޓުމުގެ މެޑަލްއެއްގެ ގޮތުން ޑރ. ޝަރީފަށް ރައީސްގެ މެންބަރުކަމާއި، އަދި ރައީސްގެ އެގްޒެކެޓިވް ޑިރެކްޓަރުކަން ދެއްވިކަން ޓީޗަރުންނަށް މިއަދު އެގެއެވެ. އެކޯސްތައް ހުއްޓާލާ، ނޫނީ އެކޯސްތަކުގައި ވެސް ކިޔަވައިދޭނެ ފެންވަރު ރަނގަޅު ޓީޗަރުން ހޯއްދަވާށެވެ.

އިއްޔެ އުފެއްދި ޕޭ ކޮމިޝަނަށްވެސް ތަޢުލީމީ ދާއިރާގެ ބޭފުޅަކު އައްޔަން ނުކުރައްވައެވެ. އަނެއްކާވެސް ފެނިގެން މިދިޔައީ ޓީޗަރުންގެ މުހިންމުކަމެއް ނެތްކަން ސަރުކާރުން ދެކޭ މަންޒަރެވެ. އެމީހުން ހަޅުތާލު ކުރުމުން އުފައްދަވަން މަޖުބޫރުވި ޕޭ ކޮމިޝަން އުފެއްދެވީ ސަރުކާރު މުވައްޒަފުންގެ އެންމެ ބޮޑު އެމްޕްލޮއިއަރ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަންދޫބެއް ނެތިއެވެ. އެހެނަސް ވަފާތެރި އަބުސީ ހިންގަވާ ހަޔަރ އެޑިއުކޭޝަންގެ 2 މަންދޫބުން ޕޭ ކޮމިޝަންގައި ތިއްބަވައެވެ. މިއީ މިޤައުމުގެ ސަރުކާރު ކުރިމަތީގައި ޓީޗަރުންގެ ހައިސިއްޔަތެވެ. އެމީހުންނަށް ސަރުކާރުން ކުރާ އިޚްތިރާމެވެ. މާތް ﷲ ޓީޗަރުންގެ މުސްތަޤުބަލް އުޖާލާ ކުރައްވާށި! އާމީން.

 

Related Posts

3 Responses to “މައުމޫނުގެ ސަރުކާރުގެ ކުރިމަތީގައި ޓީޗަރުންނަކީ އެއްވެސް ބައެއްނޫނެވެ”

  1. މިމަލިއުމަކީ ވަރަށްވެސް ރަނގަޅު ލިއުމެކެވެ މީގައިވަނީ މުޅިންވެސް ތެދުޙަޤީގަތެވެ. އަޅުގަނޑަކީވެސް ރާއްޖެތެރޭގެ އެއްމެ އާބާދީބޮޑު އަދި އެއްމެ ގިނަކުދީން ކިޔަވާ އެއްސޮކޫލުގައި ކިޔަވައިދޭ މީހަކީމެވެ. މިލިއުމުގައިވާފަދައިން އެތަނުގައިގިނައީ ފެންވަރެއްނެއް ކުލާސްކޮންޓޮރޯލްނުވާ ޓީޗަރުންނެވެ. ކިޔަވާދޭގޮތްބަލާމީހަކުނުހުރޭއެވެ. ސުޕަވައިޒަރުން ތިއްބަވަނީ އެބޭފުޅުންގެ އޮފީހުގައި ޗެޓުކުރާށެވެ.އަކުލާޤީމައްސަލަތަށްވަނީ އިންތިހާއަށްގޮސްފައެވެ.ސުޕަވައިޒަރުކަން ކުރަން ޖެހެނީވެސް ޓީޗަރުންނެވެ.ހަރުދަނަ މެނޭޖުމެންޓެއްނެތެވެ. ސޮކޫލުގެ ވެރީންގެ ސިޔާސަތަކި މިނިސްތަރީން އަންގާގޮތަށް ބެލެނިވެރީން ހިއްރުއްސުމެވެ. ތަނުގެ އެއްވެސް ވަސީލަތެއްނެތެވެ. ސޮޓާފުރޫމުގައި ހުންނަނީ ބޮޑު އައްޓެއްކަހަލަ ދެމޭޒާއި ޕުލާސްތިކު ހަގޮނޑިއެވެ. އޮފީހާއި ސުޕަވައިޒަރ ރޫމުހުންނަނީ އިއާކޯން ކޮށްފައެވެ. ސުޕަވައިޒަރުން ޗެޓުކުރަން ތިންކޮންޕިއުޓަރ ހުންނައިރު ސާޅީސް ޓީޗަރުންނަށް ހުންނަނީ ތިންކޮންޕިއުޓަރެވެ. އޭގެތެރރެއިންވެސް ދޭތިހުންނަނީ ހަލާކުވެފައެވެ ބަޖޭޓުނެތޭކިޔާގެން އެއްވެސްކަހަލަ ވޯކުޝީތެއްޗާޕުކުރެވޭކަށެއްނޯވޭއެވެ. ކުލާހަށްބަލައިރު ކުދީން އިށީދެގެން ތިބޭ ޑެސްކާގޮނޑިވަނީ ވަރަށްބޮޑަށްބާވެ ހަލަކުވެފައެވެ ތަނުގެ ކިޔަވާދިނުމާއި ކުދީންގެ ފެންވަރުދަނީ އެއްދުވަހުން އަނެއްދުވަހަސް ދަށަށެވެ.

  2. Maumoon werikamun dhuru kurun noon ehen gotheh neih mikahala hurihai kamakah hallu gennan. Teacharunwes athu gulhaalaigen mikan kuranwee. Noonee mustahqubalugaiwes waanee faaithuwi 30 aharu kanathah weegothah. Faharuga mifaharu birun musaara kolhu bobu kohdhdheefaane. Ekamaku kuriyah wisnumakee muhimmu kameh kamugai dheken. Adhi mifaharu musaara boduwiyas eiee Maumoon ge sarukaarun beynunwegen kurikameh noon kan qabool kuranjehey. Naad

  3. އޭޑީކޭ ނާޝިދު މަޖިލިސް ތެރޭގައި ޓީޗަރުން ބަދުނާ ވާގޮތަކައް ވާހަކަ ދައްކާ ކަސޯޓީ ކުޅެފައިވާތީ، އޭނަގެ ހޮސްޕިޓަލް ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލް ބޮއިކަޓްކޮއް އެތަނައް އެއްވެސް ޓީޗަރަކު ބޭސްފަރުވާ ހޯދުމައް ނުދިއުމައް ގޮވާލަން، ނާޝިދުމެން މައުމޫނު މެންކަހަލަ ރޯނައެދުރުން އިސްލާހު ކުރެވޭނެ ބަޔެއްކަމުގައި ޓީޗަރުން މިފަހަރު ދައްކަންވާނެ، ޓީޗަރުންނައް ހަމަސާބަސް!

Trackbacks

Leave a Reply

Readers are requested to respect the laws of the Maldives when commenting.

Please install Dhivehi Language Support and select Dhivehi to write in Thaana Script

Print Print E-Mail E-Mail